މިސްރަކީ އީރާނަށްވުރެ ވެސް ނުރައްކާތެރި ޤައުމެއް: ލިބަރމެން

ޓެލްއަވީވް (މާޗް 23): 2011ގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު މިސްރަށް އައި ރައްޔިތުންގެ އިންޤިލާބާ އެކު ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމުން އީރާނަށްވުރެ ވެސް ނުރައްކާތެރި ޤައުމަކަށް މިސްރު ބަދަލުވެއްޖެ ކަމަށް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިވިގިޑޯ ލިބަރމެން ވިދާޅުވެއްޖެ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އަށް ފޮނުއްވި ސިޓީއެއްގައި ލިބަރމެން ވިދާޅުވީ މިސްރުގެ ރައްޔިތުންގެ އިންޤިލާބާ އެކު މުބަރަކްގެ ނިޒާމް ވެއްޓުމާއެކުއީރާނަށް ވުރެ ވެސް އިސްރާއީލަށް ނުރައްކާތެރި ޤައުމަކަށް މިސްރު ވަނީ މިސްރަކީ އިސްރާއީލާ ސަރަޙައްދީ ރޮނގުންގުޅި އެއްއިންވެފައިވާ ޤައުމަކަށްވާތީ އެވެ.
ލިބަމެންގެ ސިޓީގައި ކޭމްޕްޑޭވިޑް ސުލްޙައިގެ މުޢާހަދާއިން މިސްރު އަދި ބޭރުވެފައި ނުވިނަމަވެސް ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމުގެ ދުވަސްވަރު މިސްރުން އިސްރާއީލަށް ލިބިދީފައިވާ ސަލާމަތާއި ސުލްޙައާއި އަމާންކަމުގެ ގެރެންޓީ، 2011 ގެ ޖަނަވަރީމަހުގެ 25 ވަނަ ދުވަހުގެ އިންޤިލާބާ ގުޅިގެން ގެއްލިފައިވާ ކަމުގަ އެވެ.
މިސްރަކީ މިހާރު އިސްރާއީލަށް ކޮންމެފަދަ ނުރައްކަލެއް ވެސް ކުރިމަތިކޮށްފާނެ ޤައުމެއް ކަމަށާއި މިސްރުގެ ވެރިކަން އިސްލާމީ ފިކުރުގެ ބައެއްގެ އަތްމައްޗަށް އެރިޔަސް ނޫނީ ލެބެރަލް ފިކުރުގެ ޢަރަބި ޤައުމީ ޚިޔާލުގެ މީހުންގެ އަތްމައްޗަށް އެރިޔަސް އިސްރާއީލަށް ރައްކާތެރިކަމުގެ ގެރެންޓީ މިސްރުގެ ފަރާތުން ދެންނުލިބޭނެ ކަމަށް ނަތަނިޔާ ހޫއަށް ފޮނުއްވި ސީޓީގައި ލިބަރމެން ވިދާޅުވެފައިވެ އެވެ.
އިސްރާއީލުގެ ބައެއް މުޙައްލިލުން ދެކޭގޮތުގައި މިސްރުގެ ވެރިކަން އިސްލާމީ ފިކުރުގެ މީހުންގެ އަތްމައްޗަށް ދިޔުމަށްވުރެ ވެސް އިސްރާއީލަށް ނުރައްކާތެރިކަން ބޮޑީ ޢަރަބި ޤައުމިއްޔަތުގެ ފިކުރުގެ މީހުންގެ އަތްމައްޗަށް މިސްރުގެ ވެރިކަން ދިޔުމެވެ. ޢަރަބި ޤައުމީ ފިކުރުގެ ބައެއް ސިޔާސީ ފަރާތްތައް ވަނީ އިސްރާއީލަކީ ފަލަސްތީނުގެ ބިމުގައި ޔޫރަޕްގެ ޒަޔަނިސްޓް ޖަމާއަތްތަކުން އުފައްދާފައިވާ އިސްތިޢްމާރީ ޣައިރު ޤާނޫނީ ޤައުމެއްކަމަށް ސިފަކޮށްފަ އެވެ.
އަދި އިސްރާއީލޭ ކިޔާ ޒަޔަނިސްޓް ދައުލަތް ރޫޅާލައިގެން ނޫނީ މެދުއިރުމައްޗަށް ސުލްހަ ވެސް ނުގެނެވޭނެ ކަމަށާއި ޒަޔަނިސްޓް އިސްތިޢްމާރީ ޤައުމެއްގެ ގޮތުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އޮވެގެން ފަލަސްތީނުގެ އެއްވެސް ބިމެއް މިނިވަން ނުކުރެވޭނެ ކަމަށް ޢަރަބި ޤައުމީ ފިކުރުގެ މީހުން ދެކެއެވެ.
ހަރުކަށި ޚިޔާލުގެ ޔަހޫދީ ލީޑަރެއް ކަމަށްވާ ލިބަރމެންގެ ސިޓީގައި އިސްރާއީލުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި މިސްރުން ޢަސްކަރީ ބާރުގަދަކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ސަރަޙައްދުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފިދާއީންނަށް ދީފާނެކަމުގެ ބިރު އެބައޮތްކަމަށާއި މިކަމަށް ޓަކައި މިސްރުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި އިސްރާއީލުގެ ޢަސްކަރީ ބާރުތައް ވަރުގަދަކުރުމަށް ވެސް ލިބަރމެންގެ ސިޓީގައި ނަތަނިޔާހޫގެ ކިބައިން އެދިފައިވާ ކަމަށް އިސްރާއީލުގެ މަޢާރީފް ނޫސް ބުނެއެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ