ޕީޕިއެމްގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަން އިން އިދިކޮޅު އެމްޑީޕީ އާއި އެއްކޮޅަށް އަރައިފިއެވެ.
މިއަދު މޫކާއި ހޮޓެލްގައި އެމްޑީޕީގެ ފަރާތުން އިސްވެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ވަނީ ބައިވެރިވެފައެވެ. އެ ނޫސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީ އިންނާއި އަދާލަތު ޕާޓީ އިންނާއި ދިވެހި ރައްޔިތުންގެ ޕާޓީން ވެސް ބައިވެރިވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރިހާ ޕާޓީތަކެއް ގުޅިގެން ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.
މި ނޫސްބަޔާނުގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ، މިހާރުން މިހާރަށް ދޫކުރުމަށް ގޮވާލާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމެވެ. އަލީމަކީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެމްޑީޕީ އާއި އިދިކޮޅު ޕާޓީތަކުގެ ޚިޔާލަށް ތާއިދު ކޮށް ޕީޕީއެމް އިން ފުރަތަމަ ފަހަރަށް ބައިވެރިވި މިފަދަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީމް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވީ އިލެކްޝަނުން ފައިސާ ނުލިބުމުގެ މައްސަލަ ކުރިމަތިވެފައި އޮތީ ހުރިހާ ޕާޓީއަކަށް ކަމަށް ވާތީ ކަމަށެވެ.
"މިއީ ވަކި ބަޔަކަށް މެސެޖެއް ދިނުމުގެ ގޮތަކުންނެއް ނޫން. ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ ކަމެއް ވީމަ. މިއީ އިދާރީ ކަމެއް ވީމަ އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން،" އަލީމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ދެކޮޅު ހައްދަވަމުން އަލީމް ވިދާޅުވީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ނުދީ ހިފެހެއްޓުމުގެ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ނެތް ކަމަށާއި މިހާރުން މިހާރަށް އެ ފައިސާ ދޭންޖެހޭނެ ކަމަށެވެ.
އެ ބައްދަލުވުމުގައި އަލީމް ބައިވެރިވެ ވަޑައިގަތީ ޕީޕީއެމްގެ ކައުންސިލުން ފާސްކުރުމެއް ނެތި ކަމަށާއި އެހެންވެ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން ފެކްޝަނުން އެމްޑީޕީ އާއި އެެއްކޮޅަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ