ގާސިމް މިނިވަންކުރުމަށް ކުރީގެ ދެ ރައީސުން ގޮވާލައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ރާއްޖޭގެ ކުރީގެ ދެ ރައީސުން ގޮވާލައްވައިފިއެވެ. ކޯޓު އަމުރެއްގެ ދަށުން ގާސިމް އިބްރާހިމް މިރޭ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. މާފަންނުވިލާގައި ހުންނަވަނިކޮށެވެ. އަދި މިހާރު ގާސިމް ހުންނެވީ ދޫނިދޫގައި ހުންނަ ފުލުހުންގެ ތަހްގީގީ ޖަލުގައެވެ. ފުލުހުން ބުނީ، ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅުނު މައްސަލައިގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް ނެގުމަށް އުޅޭ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އޭގެ އިތުރުން، ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވައި ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރައްވާ ކަމަށް ގާސިމް ހައްޔަރުކުރުމުގެ ތުހުމަތުތަކުގެ ތެރޭގައި ބުނެފައިވެއެވެ. ގާސިމް ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް ގޮވާލައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ހައްޔަރުކުރި ހަބަރު އެއްސެވީ ހައިރާން ކަމާއެކުގައި ކަމަށާއި ގާސިމް ވަގުތުން ދޫކޮށްލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ގާނޫނުގެ ވެރިކަން ދަމަހައްޓަންޖެހޭ ކަމަށެވެ. Shocked to learn that JP Leader Hon @qasimibrahim has been arrested. He must be released immediately. Rule of law must prevail. — Maumoon Abdul Gayoom (@maumoonagayoom) April 6, 2017 ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓުގައި ގާސިމް ހައްޔަރުކުރުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި ހުރިހާ ރައްޔިތުން ނިކުމެ، މުޒާހަރާ ކުރުމަށް ގޮވާލައްވާފައިވެއެވެ. ދެ ރައީސުންގެ އިތުރުން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ގާސިމް ހައްޔަރުކުރުމުން ޓްވީޓް ކުރައްވާފައެވެ. Strongly condemn the arrest of JP leader Hon. Gasim Ibrahim. Urge all Maldivians to come out and protest. — Mohamed Nasheed (@MohamedNasheed) April 6, 2017 ޑރ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާއިރު ދުނިޔެ މަޑުން ތިބެގެން ނުވާނެ ކަމަށާއި ގާސިމް ހައްޔަރުކުރީ ދޮގު އިލްޒާމެއް އަޅުވާފައިވަ ކަމަށެވެ. އުމަރު ނަސީރު ކުރެއްވި ޓްވީޓުގައި މިހާރުން މިހާރަށް ގާސިމް މިނިވަންކުރުމަށް ގޮވާލާފައިވެއެވެ. އަދި ސިޔާސީ މައިދާނުގައި ރައީސް ޔާމީން ބަލިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދަވާފައިވާ ހަރަކާތުގައި ހިމެނޭ އަދާލަތު ޕާޓީން މިރޭ ކޮށްފައިވާ ޓްވީޓުތަކެއްގައި ވަނީ ގާސިމް ހައްޔަރުކުރި ކުރުން ކުށްވެރިކޮށް ގާސިމް މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި މިއީ މިމަހުގެ 11 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ