ޖޭޕީގެ ވެރިކަމެއްގައި ދެ އަހަރު ތެރޭގައި ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ހަދާނެ: ގާސިމް

އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ގިނަވެގެން ދެ އަހަރު ތެރޭގައި އެއާޕޯޓެއް ހަދާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ބާއްވާ އެ ޕާޓީގެ ޖަލްސާގައި އޭނާ ވިދާޅުވީ ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި، ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ގާއިމްކުރުމުގެ ވާހަކަ ހިމަނަންޖެހޭނެ ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމު ގާއިމް ނުކޮށް، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ވަސީލަތް ގާއިމު ނުކޮށް އަޅުގަނޑުމެންނަށް ރާއްޖެ ތަރައްގީ ނުކުރެވޭނެ. އަޅުގަނޑުމެންނަށް އެނގޭ ރަށެއް ކޮށާލައިގެން ނޫނީ ރަށެއް ނުހިއްކާ ހަދާ ކަމަށް ވަންޏާ ކިހާވަރެއްގެ ހަރަދެއް ކޮށްގެންކަން ވާނީ. އަޅުގަނޑު ކަށަވަރުކަމާއި ޔަގީންކަމާއެކު ދަންނަވަނީ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދެ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި މިހާރު އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އެޅިގެންދާނެ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ފުދޭވަރެއްގެ "ހެލްތީ ކޮމްޕެޓިޝަނެއް" އޮންނަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން ހިދުމަތްތަކުގެ އަގު ތިރިވާނެ ކަމަށެވެ.
ގާސިމްގެ ވާހަކައިގައި ވަނީ ރިޔާސީ އިންތިހާބުގެ ރޭހަށް ނުކުންނަވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވާ ފަރާތްތަކަށް ވެސް ބަހުގެ ހަމަލަތަކެއް ދެއްވާފަ އެވެ. އެއިން އެއްވެސް ބޭފުޅެއްގެ ނަން ވިދާޅު ނުވެ ގާސިމް ވިދާޅުވީ އޭނާއާ "އަރާ ހަމަކުރެވޭނެ" އެކަކު ވެސް ނެތް ކަން ޔަގީން ކަމަށެވެ. އަދި "ފުދިފައި ހުރި" ބޭފުޅެއްގެ ގޮތުގައި މިއަދު މަސައްކަތް ކުރައްވަނީ އެ ޔަގީންކަމާއެކު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަދި ތަޖުރިބާގެ ހައިސިއްޔަތުން ވެސް މި ދިވެހިރާއްޖޭގައި އަޅުގަނޑުގެ ނެތް ތަޖުރިބާއެއް ކުރެވިފައި ހުރި ހަމަ އެކަކު ވެސް، ރަނގަޅު ކަންތައްތައް ކުރެވިފައި ހުރި އެކަކު ވެސް ނެތް. އަދި އެ ސްޕީޑުގައި މަސައްކަތް ކުރެވޭނެ މީހަކު ވެސް ނެތް. އެ ވިޝަން ހުރި މީހަކު ވެސް ނެތްކަން އަޅުގަނޑަށް ކަށަވަރު. ތި ބޭފުޅުން 3،2،1 ކިޔާފައި ހުރިހާ ކަމެއް ބެއްލެވިޔަސް ޔަގީން ވެގެންދާނެ ކަޅު އަނދިރިކަމާއި ރީތި ދުވަހެއްގެ ދުވާލު މެންދުރުގެ އަލިކަމާ މި ދޭތީގެ ހުރި ތަފާތު ފެންނަ ފަދައިން މި ދެންނެވި ކަންތައްތައް،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ވެރިކަން ކުރުމަށް "އަޑު އަރުވަމުންދާ" ބޭފުޅުންގެ ތެރޭގައި އޭނާއާ ޗެލެންޖް ކުރެވޭނެ ފަރަތެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެއްޗެއްގައި ދުވަހަކު ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ގާސިމްގެ ވިލާ ކުންފުނީގެ ނަމުގައި ތަފާތު އެކި މަސައްކަތްތައް ކުރާތީ މީހުން ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ކަންތައްތައް ހަވާލުކުރަން ރައްޔިތުން ބޭނުންވަނީ އެ ހުރިހާ ކަމެއް ކުރެވޭ ފެންވަރުގެ މީހަކާ ކަމަށެވެ.
"ކަމެއް ކުރަން ދަންނަ، ކަމެއް ކުރަން އިނގޭ، ކަމެއް ކޮށްފައި ހުރި މީހެއް ނޫންތޯ ބޭނުންވަނީ؟ ހަށަނަރަބަޅަ ހުސްވަންދެން ނުވަތަ އޭބީސީޑީގެ ހުރިހާ އަކުރުތަކަކުން ވިލާ ކިޔައި ގޮސް ހުސްވަންޏާ އޭގެ މާނަ އަކީ އަޅުގަނޑަށް ކަމެއް ކުރަން އެނގެއޭ. ކަމެއް ކުރެވިއްޖެއޭ. ވެރިކަމުގައި ހުރެގެން ކަމެއް ކުރަން ދިމާވީމާ ކަމެއް ކުރެވުނީމާ އެއީކީ ކަމެއް ކުރެވުނީކީ ނޫން. އެކަން ކުރުމަށްޓަކައި އާދޭސްކޮށް ގޮސް ސަލާން ޖަހައިގެންނޭ ކޮންމެ މީހަކު ވެރިކަމަށް އައިސް ތިބީ،" ގާސިމް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ ރައްޔިތުންނަށް "މި ފަހަރު ފުނިފުންޏަށް ލާރި އަންނާނެ" ކަމަށާއި އެއީ "ވެނުމަސް ވެނަށް ކާންދިނުން" ކަމަށެވެ. އަދި އެ ފައިސާގައި ނުހިފުމަށް އޭނާ ތަކުރާރުކޮށް އިލްތިމާސް ކުރެއްވި އެވެ.
"]ފައިސާގައި[ ހިއްޕެވިޔަސް އެ މީހުން ބޭނުންވާ ގޮތަށް އެކަން ނުކުރައްވާތި. ވޯޓް އެ މީހުން ބޭނުންވާ ގޮތަކަށް ވިއްކާ ނުލައްވާތި. މިފަހަރު ދިވެހި ލޮބުވެތި ރައްޔިތުން އެކަން ކުރައްވައިފިއްޔާ މުޅި އުމުރަށް ހިތާމަ ކުރައްވާނެ. އެ މިސްޓޭކް ނަހައްދަވާށޭ އަޅުގަނޑު މި ދަންނަވަނީ. މި ފަހަރު އަންނާނެ ވަށިވަށިން ލާރި އިނގޭތޯ؟ އަޅުގަނޑު ދަންނަވާނީ ނުހިއްޕަވާށޭ. ހިއްޕެވިޔަސް އަޅުގަނޑު ދަންނަވާނީ އެ ވިދާޅުވާ ގޮތަށް ކަން ނުކުރައްވައްޗޭ! ހަޔަ ޔަގީނުން ވެސް އެކަން ކަށަވަރު ކުރައްވާތި،" ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތަރުވަނަ ހޯއްދަވައި ދެވަނަ ބުރުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދަށް ބައިއަތު ހިއްޕެވި ގާސިމް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި، ކުރީގެ މަޝްހޫރު ބައެއް ލަވަކިއުންތެރިން ކަމަށްވާ އިބްރާހިމް ޝަކީބާއި އަބްދުއްރައޫފު އަދި އިމާދު އިސްމާއީލް ވަނީ ޖޭޕީ އަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން ވެސް 200 އަށް ވުރެ ގިނަ ފޯމް ގާސިމްއާ ހަވާލުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ