ޗައިނާއާ އެކު އެއްބަސްވުން ގާއިމުކުރުމުން އެހެން ގައުމުތަކާ އެކު ކުރާ ވިޔަފާރި ހުއްޓޭނެ: މެމްބަރު ފައްޔާޒް

ރާއްޖެއަކީ ހުރިހާ އެއްޗެއްހެން އިމްޕޯޓު ކުރާ ގައުމަކަށްވާ އިރު، ޗައިނާއާ އެކު ގާއިމުކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް ހަލާކުވެ، ފުނޑުފުނޑުވެގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
ފައްޔާޒް ވިދާޅުވީ އެ އެއްބަސްވުން ގާއިމުކޮށްފި ނަމަ، ރާއްޖެ އަށް ބޭނުންވާ މުދާތައް ދެން އެތެރެ ކުރަން ޖެހޭނީ ޗައިނާއިން ކަމަށެވެ. އެ ދުވަހުން ޗައިނާ އިން ބޭނުން އަގެއްގައި މުދާ ވިއްކަން ފަށާނެ ކަމަށާއި އެކަމުގެ ސަބަބުން ކުރީގެ ވިޔަފާރިތައް ރުޖޫއަ ކުރަން ވަގުތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެއްބަސްވުމާ ދެކޮޅުހެދުމަށް އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި "އިހްތިޖާޖް ޖަލްސާ"ގައި ފައްޔާޒް ވިދާޅުވި ގޮތުގައި ޗައިނާއާ އެކު އެއްބަސްވުން ގާއިމުކުރަން ގާނޫނުއަސާސީގެ އަސްލުތަކާ ހިލާފަށް ހިންގި ޖަރީމާގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ އިގްތިސާދުގެ ހުރިހާ ކަމެއް ނިންމުމުގައި އެންމެ ފަހު ބަސް ބުނާ ބަޔަކަށް ޗައިނާވުމެވެ.
މީގެ އިތުރުން ރާއްޖޭގެ ހާރިޖީ ސިޔާސަތާއި އިސްތިގުލާލާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމުމުގެ ހުރިހާ ބާރެއް ޗައިނާ އަށް ލިބިގެންދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ހަރުގޭގައި ޖަލްސާ ކުރިއަށް ދިޔަ އިރު މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު މަޑުކޮށްލައިގެން. .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އިހްލާސްތެރި ކަމެއް ހުރެގެން އިގްތިސާދަށް ކުރިއެރުމެއް ހޯދައި ދޭން ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް މަންފާއެއް ހޯދަން މިކަން ކުރި ނަމަ، ރައްޔިތުންނާ މިކަން ހިއްސާ ކުރާނެ، އެކަމަކު މަޖިލީހަކާ ވެސް ހިއްސާއެއް ނުކުރޭ،" ސިއްރިއްޔާތުގައި އަވަސް އަރުވާލައިގެން އެއްބަސްވުން ގާއިމުކުރަން ދިވެހި ސަރުކާރުން ނިންމިކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއްބަސްވުން ގާއިމުކުރުމުގެ ކުރިން ވިޔަފާރި ޖަމިއްޔާތަކާއި ވިޔަފާރިތަކާ މިކަން ހިއްސާ ނުކުރުމެވެ.
ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި މުސްތަފާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފައްޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ވިޔަފާރިވެރިންނާ އެއް ހަމައެއްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ޗައިނާގެ ވިޔަފާރިވެރިންނަށް ލިބޭނެ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި "ކަންމަތީ ފިހާރަތަކާ ހަމައަށް" ޗައިނާގެ ވިޔަފާރިވެރިން ދިއުމުގެ ޖާގަ ލިބޭނެ އެއްބަސްވުމެކެވެ. އެހެންވެ، މިކަމާ ދެކޮޅަށް ރައްޔިތުން އިހްތިޖާޖްކޮށް، އަނިޔާވެރިކަމުން ސަލާމަތް ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ ވިދާޅުވީ މިނިވަން ވިޔަފާރީގެ ވާހަކަ ދައްކާއިރު، ރާއްޖެ އިން ޗައިނާ އަށް ވިއްކާނެ އެއްޗެއް ނެތް ކަމަށެވެ. ރާއްޖެ އިން ބޭރު ކުރާ މަހަކީ، ޗައިނާ މީހުން ކައި އުޅޭ އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޗައިނާ ރައްޔިތުން ކައިއުޅޭ ސާމާނު ރާއްޖޭގެ ފަރުތަކުން ހުސްވެއްޖެ. ޗައިނާ އިން ގަންނަމުން އައީ ހުއިފިލަނޑާގެ ބާވަތްތަކާއި މިޔަރު އުރަހަ. މިޔަރު އުރަހައަކީ މިހާރު ރާއްޖެއިން ބޭރު ކުރެވޭ އެއްޗެއް ނޫން. ހުއިފިލަނޑާގެ ބާވަތްތައް މިހާރު ރާއްޖެ އިން ނުލިބޭ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ޗައިނާއަކީ ކުދި ގައުމުތަކަށް ލިބޭ އާމްދަނީ އެއްކުރަން ބޭނުންވާ ބައެކެވެ. ޗައިނާއެކު ވިޔަފާރިކޮށްގެން ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުމަކީ ރައީސް ޔާމީންގެ އަމިއްލަފުޅު ޖީބަށް ބޮޑު ކުރަން ރާވައިގެން ކުރާ ކަމެއް ކަމަށާއި މިއީ މަކަރާއި ހީލަތުން ވައްކަން ކުރުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މުސްތަފާ ވިދާޅުވީ ޗައިނާއާއެކު ކުރި ވިޔަފާރިތަކުގެ ސަބަބުން ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އިން ޗައިނާއަށް ފޮނުވާފައި އޮތީ އަށް ލައްކައެއްހާ ޑޮލަރެވެ. އޭގެ ބަދަލުގައި ޗައިނާ އިން ރާއްޖެ އިން އިމްޕޯޓު ކުރި މުދަލުގެ އަދަދު 800 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ