ތަަހްޤީޤު ނިންމައި، ޕީޖީއަށް ފޮނުވާފައި ހައްޔަރު ކުރުމަކީ ސުވާލު އުފެދޭ ކަަމެއް - މައުމޫން ހަމީދު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގެއިން ހަތިޔާރު ފެނުނު މައްސަލައިގެ ތަހްޤީޤު ނިންމާފައި، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހުގައި، އެ މައްސަލައިގައި ނާޒިމް ހައްޔަރު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށް ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ ގެއިން ހަތިޔާާރު ފެނުނު މައްސަލައިގެ ތަހްޤީޤު ނިންމައި، ދައުވާ ކުރުމަށް އިއްޔެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، މިރޭ ދަންވަރުގެ ވަަގުތެއްގައި ނާޒިމް ވަނީ މި މައްސަލައިގައި ހައްޔަރު ކޮށްފައެވެ.
ނާޒިމް ހައްޔަރު ކުރުމަށްފަހު، އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންގޮސްފައެވެ.
ވީޓީވީއަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި، ނާޒިމްގެ ޤާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ނާޒިމް މިރޭ ހައްޔަރު ކުރެވުނީ ހުރިހާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެގޮތުން، އެހާ ބޮޑު މައްސަލައެއްގެ ތަހްޤީޤު އެހާ އަވަހަށް ނިންމާލެވުނީމާ ތަހްޤީޤުގެ މަޢުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
"ނާޒިމް ހައްޔަރުކުރީ އަޅުގަނޑުމެން ގަބޫލުކުރާ ހުރިހާ އުސޫލުތަކާއި ހިލާފަށް. ތަޙްޤީޤު އެހާ އަވަހަށް ނިންމާލެވުނީމަ ތަޙްޤީޤުގެ މައުލޫމާތު ހާމަ ކުރަން ޖެހޭނެ ކަން ނޭން. ކަމުގެ ބޮޑު ކަމަށް ބަލާއިރު. ކޮންމެ ދިވެހި ރައްޔިތަކުވެސް އެނގެން ބޭނުންވާނެ ތަޙްޤީޤުގެ ތަފްސީލް،" މައުމޫން ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ނާޒިމްއާ މެދު ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމަށާއި، ތަހްޤީޤު ނިންމާފައި ދަޢުވާ ކުރުމަށް ފޮނުވާ ފަހުން ހައްޔަރު ކުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
"ތުހުމަތެއް ވިޔަސް އެއްވެސް ހެއްކެއް ގަރީނާއެއް ނެތް ނާޒިމް އާއި އިދިކޮޅަށް ސާބިތު ކުރެވޭނެ،" ނާޒިމްގެ ޤާނޫނީ ވަކީލް ވިދާޅުވިއެވެ.
ނާޒިމް ދިރިއުޅުއްވަމުން ގެންދެވި ގ.އެނިފްގެ އަށްވަނަ ފަންގިފިލާއިން ފިސްތޯލައަކާއި އެ ފިސްތޯލައަށް ލައްވާ ވަޒަނާއި، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ފެނުނު މައްސަަލައިގައި، ނާޒިމް މީގެ ކުރިން ބުނެފައި ވަނީ އެއީ އޭނާއާއި އޭނާގެ އާއިލާގެ ތަކެއްޗެއް ނޫން ކަމަށާއި، އެތަކެތި އޭނާގެ އެޕާޓްމެންޓުން ފެނުނު ކަމުގައި ވިޔަސް އެއީ އޭނާއާއި އޭނާގެ އާއިލާއަށް އެނގުމަކާ ނުލައި އެތަނުގައި ހުރި އެއްޗެއް ކަމަށެވެ.
ނާޒިމް މިރޭ ހައްޔަރު ކޮށްގެން ދޫނިދޫއަށް ގެންގޮސްފައިވާ އިރު،ސަރުކާރު ހިންގާ ޕީޕީއެމްއިން އޭނާ ވަކިވެއްޖެކަން ވެސް މިރޭ ވަނީ އިއުލާން ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ