އިންޖީނުތައް ހުއްޓި ތިނަދޫގައި ކަރަންޓް ނެތި ހަތް ގަޑިއިރު

ގދ. ތިނަދޫ އިންޖީނު ގޭގައި ހުރި އިންޖީނުތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓް ކެނޑިފައި ހުންނަތާ ހަތް ގަޑިއިރު ވެއްޖެ އެވެ. އާބާދީގައި ގާތްގަނޑަކަށް 7،000 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ، އަހުމަދު މުހައްމަދު ސައީދު މިއަދު "ސަން"އަށް ވިދާޅުވީ މުޅި ތިނަދޫއިން ކަރަންޓް ކެނޑުނީ ރޭ ފަތިހު 3:15 އެހާކަންހާއިރު އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން އޮޓަމެޓިކް މޮޑިއުލްތައް ފޭލްވުމާ ގުޅިގެން ކަމަށެވެ. އަދި އެ މޮޑިއުލްތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ މޮޑިއުލްތައް މައްސަލަ ޖެހުނީމާ ހުރިހާ އިންޖީނުތަކެއް އަޅުގަނޑުމެން ނިވާލަން ޖެހުނީ. ދެން އަޅުގަނޑުމެން ބެލީ އިރުއަރަން ވާއިރަށް ކަރަންޓް ދެވޭނެ ކަމަށް. އެކަމަކު އެކި ތަންތަނުން ސްޕެއާ ގެނެސްގެން އެކަން ކުރަން ޖެހޭތީ ވަގުތު ނަގަނީ. އެކަމަކު ދެން މާގިނައިރެއް ހިއެއް ނުވޭ ވާނެހެނެއް. ޓެކްނިކަލް ބޭފުޅުން ވިދާޅުވާ ގަޑިއެއްހާއިރު ތެރޭވެސް ދެވޭ ވަރަށް އެބޭފުޅުން މަސައްކަތް އެބަ ކުރަމޭ،" ސައީދު ވިދާޅުވި އެވެ. މިފަހަރު ވެސް އެ ރަށުން ކަރަންޓު ދިިޔައީ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން ކަމަށް ވެސް އަޑުފެތުރުނެވެ. ނަމަވެސް ސައީދު ވިދާޅުވީ އެފަދަ ހާދިސާއެއް ނުހިނގާ ކަމަށެވެ. މީގެ ކުރިން 2016 ވަނަ އަހަރު ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އަނދާހުލިވުމުގެ ސަބަބުން ފަސް ދުވަސް ވަންދެން އެ ރަށުން ކަރަންޓް ކެނޑިފައި ހުއްޓެވެ. ސައީދު ވިދާޅުވީ މިހާރުވެސް ތިނަދޫގައި ދާއިމީ އިންޖީނުގެއެއް ނެތް ކަމަށާއި ކަރަންޓް ދެނީ ބައެއް އިންޖީނުތައް މަގުމަތީގައި ބަހައްޓައިގެން ކަހަލަ ގޮތަކަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ގެންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. "ވަރަށް ހާލުގައި އަޅުގަނޑުމެން ހަވާލުވީއިރު އެ ރަށުގެ ކަރަންޓުގެ ހާލަތު އޮތީ،" ސައީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ