އޮޅުވެލި ރިސޯޓުގެ 32 ސްޓާފުންނާއެކު މިއަދު 87 މީހުން މިއަދު އަލަށް ޕޮޒިޓިވްވެއްޖެ

ސަން ސިޔާމް އޮޅުވެލި ރިސޯޓުން އިތުރު 32 ސްޓާފުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ބުނެފައިވަނީ، ރާއްޖެއިން މިއަދު އަލަށް ޕޮޒިޓިވްވެފައިވަނީ 87 މީހުން ކަމަށާއި، އޭގެތެރެއިން 32 މީހުންންކީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އެރަށުން ޕޮޒިޓިވްވެފައިވާ އެންމެންނަކީސް ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
އޮޅުވެލި ރެސޯޓުން ކުރިން ޕޮޒިޓިވްވެފައިވާ 26 މީހުންނާއެކު، އެ ރިސޯޓުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 58 އަށް އަރާފައެވެ.
އެޗްޕީއޭއިން މިރޭކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،331 ސާމްޕަލް ކަމަށެވެ.
އޭގެތެރެއިން 87 ސާމްޕަލްއެއްޕޮޒިޓިވްވިއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 30 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 13 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. އަނެއް 41 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވްވި 87 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 14،426 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 31 މީހުން ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،505 އަށް އަރާފައެވެ.
މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 901 މީހުންނެވެ. މީގެތެރެއިން 68 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ