"ސެންޓްރަލް ޕަވަރ ހައުސް"އަކާއެކު ލ.ގަމުގެ ކަރަންޓު އެއް ވިއުގައަކަށް

ލ.ގަމުގެ 3 އަވަށުގައި ވަކިވަކިން ބޭނުންކުރަމުންއައި އިންޖީނުގެތަށް އެއްކޮށްލައި ސެންޓްރަލް ޕަވަރހައުސް ނުވަތަ ސަރަޙައްދީ އިންޖީނުގެއަކުން ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
ލ.ގަމުގެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުއެވެ. އެރަށަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އެއް ވިއުގައަކުން ގުޅާލާފައިވަނީ މުކުރިމަގު، މަތިމަރަދޫ، ތުނޑީ އަވަށުގައި ވަކިވަކިން ހިންގަމުންއައި އިންޖީނުގެތަކާއި، އިދާރީ މަސައްކަތްކުރާ އޮފީސްތަށްކަމަށެވެ.
ތިން އަވަށުގައި ވަކިން ހިންގަމުންއައި އިދާރީ އޮފީސްތައް، އާ އިމާރާތަކަށް ބަދަލުކޮށް މިހާރު ޚިދުމަތްދެނީ އެއް ފުރާޅެއްގެ ދަށުންނެވެ. ފެނަކައިން ވިދާޅުވެފައިވަނީ ސަރަޙައްދީ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ނިމިފައިވަނީ މިމަހުކަމަށާ މިހާރު ޚިދުމަތް ފަށާފައިވާކަމަށެވެ.
މި އިންޖީނުގޭގެ އޮފީސް ޢިމާރާތް ހިންގަމުން އަންނަނީ ލ.ގަން ތުނޑީ އަވަށުގައި މީހުން ދިރިނޫޅޭ ސަރަޙައްދުގައެވެ. އާއްމުންނަ އުންދަގޫވާގޮތަށް ރަށުތެރޭގައި ހުންނަ އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަހައްދަށް ބަދަލުކުރުމަކީވެސް ފެނަކައިން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
ގަމުގެ ތިން އަވަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ފެނަކައިން މިހާރު ބޭނުންކުރަމުން އަންނަނީ 1.2ކިލޯ ވޮޓްގެ ކަރަންޓެވެ. ނަމަވެސް ގަމުގައި އިތުރުވަމުން އަންނަ އާބާދީއާއި ވިޔަފާރިތަކާއިއެކު، އެރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާކަމަށް އެކުންފުނިންވަނީ ވިދާޅުވެފައެވެ. އެގޮތުން އާ އިންޖީނުގެއާއެކު ގަމުގެ ކަރަންޓް ކެޕޭސިޓީ 4.5ކިލޯ ވޮޓްއަށް އިތުރުކުރާނެކަމަށް ފެނައިން މީގެކުރިން ވިދާޅުވެފައިވެއެވެ.
ލ.ގަމަކީ އާބާދީގައި ފަސްހާހެއްހައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ