ކެމިކަލް1ތައް މެނޭޖްކުރުމުގައި ދަތިތަކެއް އެބަހުރި: ޑރ. އަބްދުﷲ ނަސީރު

ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ "އެލިމިނޭޓިންގ ޕަރސިސްޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" އިންސެޕްޝަން ވަރކްޝޮޕް ފައްޓަވާދެއްވާ ދެއްކެވި ވާހަކައިގައެވެ.
ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގައި އިންސާނުންނަށާއި ތިމާވެއްޓަށް ގެއްލުންހުރި ކެމިކަލްސްތައް މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށާއި އެހެންކަމުން އެއީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ ކަންތައްތަކެއް ކަމަށެވެ.
މިކަމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށާއި އަދި ތިމާވެއްޓާއި ރައްޓެހި ގޮތަށް ކެމިކަލްސް ނައްތާލުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ނަސީރު ވިދާޅުވީ ދިވެހިރާއްޖެއަކީ 1994 ވަނަ އަހަރުން ފެށިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) ގެ މެމްބަރު ގައުމެއް ކަމަށާއި ޖެފްގެ ފަރާތުން ތިމާވެށީގެ އެކި ކަންތައްތައް ކުރުމަށް އެހީ ލިބެމުންދާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި ކެމިކަލލްސް ގެ ބާވަތެއް ކަމަށްވާ 'ޕަރސިސެޓެންޓް އޯރގަނިކް ޕޮލިއުޓެންޓްސް' (ޕޮޕްސް) މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށާއި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕެލޭންގައިވާ ގޮތަށް ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެކަމުގެ ޔަގީންކަންވެސް ސެޓޭޓް މިނިސްޓަރ ވަނީ ދެއްވާފައެވެ.
މިތަކެތި ކަލެކްޓްކުރުމާއި، ލޭބަލްކުރުމާއި، ސްޓޯރ ކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމަށާއި ނައްތާލުމަށް ސިސްޓަމްތައް ގާއިމުކުރެވިގެންދާނެކަން ފާހަގަކުރައްވާ ނަސީރު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ކުރެވިގެންދާނެ އެންމެ ބޮޑު ކަމަކީ ނުރައްކާތެރި ކެމިކަލްސްތައް މެނޭޖްކުރުމަށް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރުން ކަމަށެވެ.
މި މަޝްރޫއު ހިންގުމަށް ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ ދަށުން 3.6 މިލިއިން ޑޮލަރު ވަނީ ހަމަޖެހިފައި ކަމަށާއި މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އާއި ޔޫއެންޑީޕީ ގުޅިގެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ