ގޭމްގެ ރައީސަކަށް ކާނި އަބްދުﷲ، ސައުދުﷲ އަނެއްކާވެސް އެސްޖީއަށް

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް ކަމަށް ކާނި ކުންފުނީގެ ސީއީއޯ އަބްދުﷲ ނަޝީދު ހޮވައިފިއެވެ.
ގޭމް އިން އިއްޔެ ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބުގައި 51 މެންބަރުންގެ އަގުލަބިއްޔަތުން ރައީސްގެ މަގާމަށް ހޮވިފައިވަނީ އަބްދުﷲ އެވެ.
ގޭމް އިން އިއްޔެ ބޭއްވި އިންތިހާބުގައި އިތުރު ފަސް މަގާމަކަށް މެންބަރުން ހޮވާފައިވެއެވެ. އޭގެ ތެރޭގައި ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ގޭމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ސައުދުﷲ އަހުމަދު ހަސަން ދީދީ އަނެއްކާވެސް އެ މަގާމަށް ވަނީ އިންތިހާބުކޮށްފައެވެ.
ގޭމްގެ ބޯޑަށް އަލަށް ހޮވުނު މެމްބަރުންނަކީ:
ރައީސް: އަބްދުﷲ ނަޝީދު (ކާނި ގްރޭންޑް ސީވިއު)ނައިބު ރައީސް: ހަމްޒާ ގާސިމް (ޕޮއިންޓް އިން)ސެކްރެޓަރީ ޖެނެރަލް: ސައުދުﷲ އަހްމަދު ހަސަންދީދީ (ތުރީ އިން)ކޯޕަރޭޓް އެފެއާޒް: ރާއިފް ޝާޒް ވަލީދު (ދި އަކޫޒް)އެކްސްކޯ މެމްބަރު: އަހްމަދު ވަހީދު (ނޫ މޫ)އެކްސްކޯ މެމްބަރު: އަހްމަދު ސާމިހު (އެރީނާ ގްރޭންޑް ބީޗް)
ގޭމްގެ ރައީސްގެ މަގާމަށް އަބްދުﷲ ހޮވުނު އިރު، އެންމެ ފަހުން އެ ޖަމިއްޔާގެ ރައީސްގެ މަގާމުގައި ހުންނެވީ އަހުމަދު ނާސިހުއެވެ. އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ ސައުދުﷲގެ ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނުބެލޭ ކަމަށް ވިދާޅުވެއެވެ.
އެނގިފައިވާ ގޮތުގައި ސައުދުﷲގެ މައްޗަށް ކުރެވެނީ ގެސްޓްހައުސް އެސޯސިއޭޝަންގައި މަސައްކަތް ކުރާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.
ޖިންސީ ގޯނާގެ ތުހުމަތާއެކު ސައުދުﷲ ގޭމްގެ އެސްޖީގެ މަގާމުން ވަކިކުރީ މިއަހަރުގެ ޖުލައި ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 14 މެންބަރުންގެ އިއްތިފާގުން ގޭމްގެ އެސްޖީގެ މަގާމުންނާއި ހިންގާ ކޮމިޓީގެ މެންބަރުކަމުން ސައުދުﷲ ވަކިކުރަން ފާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ