ޕީޕީއެމްގެ ކަންކަމުގައި ރައީސް ޔާމީނާއި ރައީސް މައުމޫން މަޝްވަރާ ކުރައްވައިފި

ޕީޕީއެމްގެ އެތެރޭގެ ކަންތައްތަކާ ގުޅޭގޮތުން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިއަދު އެމަނިކުފާނު ވަނީ ޕާޓީގެ ކަންތައްތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސް ޔާމީނާ ބައްދަލު ކުރައްވާފައި ކަމަށާއި، ޕީޕީއެމް ދާނީ ދުވަހެއް ދުވަހަކަށް ތަރައްޤީވެ، ވަރުގަދަވަމުން ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި ރައީސް މައުމޫނާއި ރައީސް ޔާމީން ޕާޓީގެ ކަންކަމުގައި މަޝްވަރާ ކުރެއްވުމަށް ބައްދަލު ކުރައްވާފައިވާ އިރު، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރައްވާން ބޭފުޅަކާ މެދު، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ރައީސް މައުމޫންގެ ޚިޔާލުފުޅު ތަފާތުވި އެވެ.
އެގޮތުން، ޕީޖީގެ މަޤާމަށް އައްޔަން ކުރަން ޤާނޫނީ ވަކީލް މައުމޫން ހަމީދަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތުގެ މަތިން ތާއީދު ކުރެއްވުމަށް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނަށް ސިޓީއެއް މެދުވެރިކުރައްވައި ރައީސް މައުމޫން އެދިވަޑައިގެންފައިވާ އިރު، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މައުމޫން ހަމީދަށް ތާޢީދު ނުކުރަން ނިންމައި، އެ މަޤާމަށް އައްޔަން ކުރުމަށް ރައީސް ޔާމީން ފޮނުއްވި ނަން ކްރިމިނަލް ކޯޓުގެ ގާޒީ މުހްތާޒް މުހުސިންއަށް ތާއީދު ކުރުމަށް ތްރީ ލައިން ވިޕެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ