ގައުމިއްޔަތުގެ އެކުވި ވިސްނުމުން ރައްޔިތުން އަޅުވެތިކުރުން

ހުދުމުހުތާރު ވެރިކަމެއްގެ އަސާސީ ސިފައަކީ އެއްވިސްނުމަކުން މީހުންގެ ސިނކުޑިތައް ތަޅުލުމެވެ. އެންމެ ގިނަ ބަޔަކަށް ގަބޫލު ކުރުވޭނެ ފިކުރެއްގެ ތެރޭގައި އެންމެން ގައިދުކޮށްލުމެވެ. ތަފާތު ފިކުރަށް ޖާގަ ނުދިނުމެވެ. ރާއްޖޭގައި ގައުމިއްޔަތު ވާހަކަ ރާގުރާގަށް މުއިއްޒު ސަރުކާރުން ދައްކަނީ ގައުމިއްޔަތުގެ އެކުވި ވިސްނުމުން ރައްޔިތުން އަޅުވެތި ކުރުމަށެވެ.
ހުދު މުހުތާރު ވެރިންގެ ހުރިހާ އެއްޗަކީވެސް ތިމާއެވެ. ހުރިހާ ކަމެއް ތަރުތީބުވެ ހިނގަން ޖެހޭނީ އެ މީހާއަށްޓަކާކަން މީހުނަށް ގަބޫލު ކުރުވުމަކީ ހުދުމުހުތާރު ކަމުގެ ރުކުނެކެވެ. އެހެން މީހުނާއި ތަކެއްޗާއި ކަންކަމަކީ ހަމައެކަނި ތިމާއަށްޓަކާ ލައްވަފައިވާ ލެއްވުންތަކެއް ކަމުގައި ކޮންމެ ޑިކްޓޭޓަރަކު ދެކެއެވެ.
މީހުންގެ ވިސްނުން އެގޮތަށް ފުރޮޅާލަން ކޮންމެ މުޖުތަމައެއްގެ މައިގަނޑު ބަހާތައް އެއްގުޅިއަކަށް އަޅާ އެއަށް ނަމެއް ދީގެން އެންމެން އޭގައި ބަނދެލުމަކީ ޑިކްޓޭޓަރޝިޕްގެ އަސާސެވެ. އެބައެއްގެ އަގީދާއަކީ އެނަޒަރިއްޔާއަކާ ނުލާ ދެމި ނުއޮންނާނެ އެއްޗެއްކަމަށް ވިސްނާ ދިނުމަކީ ހުދުމުހުތާރު ވެރިކަމެއްގެ ފުރަތަމަ ބަހާއެވެ. ހަމައެހެންމެ އެ ބައެއްގެ ތެރޭގައި ހުންނަ އެއްގޮތް ކަންކަމަކީ އެގޮތުން އެއްގުޅި ކުރެވޭ ކަންކަމެވެ. ބަޔަކު އެވަސީލަތްތަކެއްގެ މަތީގައި ދެމި ތިބި ހުރިހާ ވަސިލަތަކީވެސް އެގޮތުން އެއްގުޅިކުރެވޭ ތަކެއްޗެވެ. 
ދީނާއި އާދަކަދައާއި ވާހަކަ ދައްކާ ބަހާއި ބިމާއި ކަނޑައި އެހެނިހެންވެސް ހުރިހާ ވަސީލަތާއި އެބަޔަކު ކުރާ ނަފާވެރި ކޮންމެ ކަމަކީ އެގޮތުން އެއްގުޅިކޮށް މާނަވީ ނަމެއްދޭ ކަންކަމެވެ. އެގޮތުން އެއްގުޅި ކުރެވޭ ކުރުންތަކަށް ހީލަތްތެރި ގޮތެއްގައި އެންމެ ގިނައިން ކިޔާ އުޅެނީ ގައުމިއްޔަތެވެ. ގައުމިއްޔަތުގެ ހަގީގީ މާނަ އޮޅުވާލާ ގައުމިއްޔަތަކީ ތަޅުލެވިފައިވާ ހަނި ފިކުރަކަށް ބަދަލުކޮށްލަނީ ޑިކްޓޭޓަރުންނެވެ. 
ހަގީގީ ގައުމިއްޔަތަކީ ހުޅުވި ފުޅާވެ ދިރިދެމިގެންދާ ހުއްޓުމެއް ތަޅުލެވުމެއް ނެތް ފިކުރެކެވެ. ތިމާމެން ނޫން އެހެން މީހުންވެސް އުޅޭކަމާއި އެހެން މީހުނަށްވެސް ތިމާމެން ފަދައިން އުޅުމުގެ ހައްގު އޮންނަކަން ހަގީގީ ގައުމިއްޔަތުގައި ގަބޫލު ކުރެވޭނެއެވެ. އެހެން މީހުންގެ މަދަދާ އެހީތެރިކަމާއި ގުޅިލާމެހުން ނެތް ގައުމިއްޔަތަކީ ގައުމިއްޔަތެއް ނޫނެވެ. ސިޔާސަތަކީ ފުރަތަމަ ތިމާކަމުގައި ވުމަކީ މަވެތިކަމުގެ އެންމެ މަތީ ދަރަޖައެވެ. ހުދުމުހުތާރު ކަމުގެ އެންމެ ފާޅުކަން ބޮޑު ރަމްޒަކީ "އެންމެ ފުރަތަމަ ތިމާ" ސިޔާސަތެވެ.   
ހަގީގީ ގައުމިއްޔަތަކީ އުޅުމާ އުޅުނަ ދިނުމެވެ. ހުއްޓި ނުތިބުމެވެ. މާޒީގެ ތަޖުރިބާއިން ހާލަތާ ކުރިމަގު ބަވަނަވެތި ވިސްނުމާއެކު ބައްޓަން ކޮށްގެން ކުރިއަށް ދިޔުމެވެ. ދުނިޔޭގައި ގައުމިއްޔަތަކީ އެއް ބަހަކަށް އެއް ދީނަކަށް އެކަނި ނިސްބަތްވާ ނަޒަރިއްޔާއެއް ނޫނެވެ.
އަދުގެ ދުނިޔޭގައި ގައުމިއްޔަތު ނަގަހެއްޓުމުގައި އެންމެ ކުރީގައި އޮތް އިންޑިއާއަށް ބަލާލިޔަސް ގައުމިއްޔަތަކީ ވަކި ދީނަކަށް ވަކިބަހަކަށް ހުއްޓިފައި އޮންނަ ނަޒަރިއްޔާއެއް ނޫންކަން އެނގެއެވެ. އިންޑިއާގައި ގައުމިއްޔަތު ރަމްޒު ކުރަނީ އެތައް ނަސްލަކާއި އެތައް ދީނަކާއި އެތައް ބަހެއް ފަދަ އެތައް އެތައް ކަމެއް އެއްކޮށްގެން އެއްބައެއް ވަންތަކަން ނަގަހައްޓައިގެން އެ ބޮޑު ބިޔަ ދައުލަތުގެ ބާރު ކެނޑި ރޫޅިގެން ދިޔަނުދިނުމަށެވެ. ގިނަ ގައުމުތަކާ ހިލާފަށް އިންޑިއާގެ ގައުމިއްޔަތު ދިރުވަނީ ވަމީހަކު ގޮށްމުށުގައި ގައުމު ބާއްވާކަށް ނޫނެވެ.    
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ