މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއަދު އިފްތިތާޙްކުރި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަމަށް ހައްލެއް ހޯދުމަށާއި ތަޢުލީމީ ދާއިރާގައި ދޭސީ މުދައްރިސުން އިތުރުކުރުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން މަތީ ސާނަވީ ތަޢުލީމު ނިންމުމަށްފަހު ނިކުންނަ ދަރިވަރުންނަށް އަމާޒުކޮށް ފެށި ތަމްރީނު ޕްރޮގްރާމެކެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕްރޮގްރާމްގެ ދަށުން މުދައްރިސުން ތަމްރީނުކުރުމުގެ ކޯހުގައި ދަރިވަރުން ބައިވެރިވާ 21 ސްކޫލަކާ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މި ތަމްރީނު ޕްރޮގްރާމްގައި މި 21 ސްކޫލުން ޖުމްލަ 135 ދަރިވަރުން ބައިވެރިވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން މިއަދު ފެށިގެން ދިޔަ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ސަބަބުން މަތީ ސާނަވީ ތަޢުލީމު ނިންމައި ވަޒީފާގެ މާޙައުލަށް ނިކުންނަ އެތައް ދަރިވަރުންނެއް ދޭސީ މުދައްރިސުންގެ ގޮތުގައި ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރުމުގެ މަގުފަހިވެ، ތަޢުލީމީ ދާއިރާއަށް ދޭސީ މުދައްރިސުން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެހީއަކަށް ވެގެންދާނެއެވެ.
މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ