އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ، މިދިއަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޖޯ ބައިޑަން ބަލިކުރެއްވި، ޑޮނަލްޑް ޓްރަމްޕް މިރޭ ކުރައްވައިފި އެވެ.
މިއީ 1890ގެ ފަހުން އެއް ދައުރު ފުރިހަމަކުރައްވައި ނާކާމިޔާބުވުމަށް ފަހު ދެވަނަ ދައުރެއް ހޯއްދެވި އެމެރިކާގެ ކުރީގެ ފުރަތަމަ ރައީސް އެވެ.
ހުވާކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ 'އެމެރިކާގެ ރަން އަހަރުތައް ފެށިއްޖެ' ކަމަށެވެ. އޭގެ އިތުރުން އޭނާގެ ހިތްޕުޅުގައި އެމެރިކާގެ ނިޒާމަށް އޮތް ރުޅިވެރިކަން ވެސް ފާޅުކުރެއްވި އެވެ. އެގޮތުން ހަތިޔާރެއްގެ ގޮތުގައި ޖަސްޓިސް ޑިޕާޓްމަންޓް ބޭނުންކުރުން ހުއްޓުވާލާނެކަމަށް ވިދާޅުވި އެވެ.
ޓްރަމްޕްގެ ރުޅިވެރިކަން ޖަސްޓިސް ޑިޕާޓްމަންޓަށް ބޮޑުވީ އޭނާއާ ދެކޮޅަށް އެތައް ދައުވާއެއް އުފުލާފައި ވުމުންނެވެ. އެގޮތުން 2020ގެ އިންތިހާބުގައި ބަލިވެވަޑައިގަތުމުން ސަޕޯޓަރުންނަށް ހިތްވަރުދެއްވައި، އެމެރިކާގެ ކޮންގްރެސް އިމާރާތަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅޭ ދައުވާތައް ވެސް ހިމެނެ އެވެ.
އެކަމަކު ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމުން އެ ދައުވާތައް ވަނީ މަޑުޖައްސާލައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާ ކުރިމަތިލާފައި ވަނީ ގައުމުގެ ނިޒާމަށް އޮތް އިތުބާރު ގެއްލުމުގެ ބޮޑު މައްސަލަގަނޑަކާ ކަމަށެވެ.
އެމެރިކާގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަކީ ނުރައްކާތެރި 'ކުށްވެރިން' ކަމަށް ވިދާޅުވެ ބައިޑަންގެ ސަރުކާރަށް އަމާޒުކުރައްވާ ދޫކުރެއްވި ބަސްތަކުގައި ފާހަގަކުރެއްވީ އެމެރިކާގެ ސަރަހައްދީ ރޮނގު ހިމާޔަތްނުކޮށް އެހެން ގައުމުތަކުގެ ސަރަހައްދީ ރޮނގު ހިމާޔަތްކުރަން ހޭދަކުރަން ހައްދެއް ނެތް މިންވަރަށް ހޭދަކުރާ ކަމެވެ. އެ ހަމަލާގެ އަމާޒަކީ ޔޫކްރެއިން ހިފަންވެގެން ރަޝިޔާއިން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވަން ބައިޑަންގެ ސަރުކާރުން ޔުކްރެއިންއަށް ދެމުން އައި އެހީތެރިކަމެވެ.
"އެމެރިކާ ވެއްޓެމުން އައި ވެއްޓުން މިވަގުތުން ފެށިގެން މި ނިމުނީ،" ޓްރަމްޕް ވިދާޅުވި އެވެ.
"ރައްޔިތުންގެ މުއްސަނދިކަމާއި ޑިމޮކްރަސީ އާއި މިނިވަންކަން މި ސަރުކާރުން ހޯދައިދޭނެ."
ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އެ ގައުމުގެ މަޝްހޫރު އަދި އެންމެ ބޮޑެތި މުއްސަނދިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ