ކަރަންޓް ބިލް ފްލެޓް ރޭޓްގައި ފޮނުވަން ފެށޭނީ ޖެނުވަރީން ފެށިގެން: ޝަރީފް

އަންނަ ޖެނުއަރީ މަހުން ފެށިގެން ކަރަންޓް ބިލް ފްލެޓް ރޭޓްގައި ބިލު ކުރަން ފެށޭވަރުވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާވެޔޮމަގުގައި ހުންނަ އެމްޑީޕީގެ "ހުވަދޫ ޖަގަހަ" ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަރަންޓް ބިލު އަގުހެޔޮ ކުރުމުގެ ގޮތުން އާންމުން ދިރިއުޅޭ ހުރިހާ ގެއަކުން ކަރަންޓް ބިލު ހިސާބުކުރުމުގައި ގެންގުޅޭ ބޭންޑުތައް އުވާލައި އެއް ރޭޓަކުން ބިލުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. ފްލެޓް ރޭޓަކީ އެއް ރޭޓެއްގައި ކޮންމެ ޔުނިޓަކަށްވެސް ކަރަންޓަށް ބިލު ކުރުމެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އެކަމުގެ ތަފުސީލުތައް ދެއްވަމުން ޝަރީފް ރޭ ވިދާޅުވީ، މާލޭގެ 40 ޕަސަންޓަށް ވުރެ ގިނަ ގޭބިސީތަކުގައި 500 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓު ބޭނުންކުރާ ކަމަށާއި 600 ޔުނިޓަށް ވުރެ އިތުރުވާ ނަމަ ޓެރިފްގެ ގޮތުގައި ޔުނިޓަކުން 4.25 ރުފިޔާ އިތުރުވާ ކަމަށެވެ. އަދި ކަރަންޓު ބިލުތައް ބޮޑުވަނީ އެ ސަބަބާ ހުރެ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ފްލެޓް ރޭޓެއް ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެ ރޭޓަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.
"އިރާދަކުރެވިއްޔާ ދެވަނަ ދައުރުގެ ފުރަތަމަ ކޮޅު، ތެރޭގައި މިއަށް (ފްލެޓް ރޭޓަށް) އަމަލު ކުރެވޭނެ ކަމަށް މި ބަލަނީ. ގާތްގަނޑަކަށް ދެވަނަ ދައުރުގެ ދެ މަހެއް ނުވަތަ ތިން މަހެއްގެ ތެރޭގައި މީތި (ފްލެޓް ރޭޓް) އެބަ އަންދާޒާ ކުރެވޭ ލިމިޓް ކުރެވޭނެ ކަމަށް. އިނީޝިއަލީ ޓާގެޓެއް ކަނޑައަޅާކަމުގައިވާ ނަމަ މި ފެށޭ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކަނޑައެޅޭގޮތް ވުމަކީ ވަރަށް ގާތް ކަމެއް،" ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން މާލޭގެ ކަރަންޓު ބިލު ހަދަނީ ކަރަންޓް ބޭނުންކުރާ ވަރު ގިންތިކޮށް، ހަތް ބޭންޑަކަށް ބަހާލައިގެންނެވެ. އެއީ:
ފުރަތަމަ 100 ޔުނިޓަށް - ޔުނިޓަކަށް 1.50ރ
101 އާއި 200 ޔުނިޓާ ދެމެދު - ޔުނިޓަކަށް 1.70ރ
201 އާއި 300 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.15ރ
301 އާއި 400 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.50ރ
400 އާއި 500 ޔުނިޓާ ދެމެދު - ޔުނިޓަކަށް 2.95ރ
501 އާއި 600 ޔުނިޓާ ދެމެދު - ޔުނިޓަކަށް 3.55ރ
601 ޔުނިޓުން ފެށިގެން މައްޗަށް- ޔުނިޓަކަށް 4.25ރ.
ޝަރީފް އިތުރަށް ވިދާޅުވީ، އެންމެ ކުޑަ ރޭޓުން ބިލްކުރާނަމަ ކަރަންޓު ބިލުން 31-52 ޕަސަންޓް ކުޑަވާނެ ކަމަށެވެ. އަދި އެ ރޭޓުން ބިލް ކުރިއަސް ގެއްލުން ނުވެ ސްޓެލްކޯ ހިންގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ