ގާޒީ އަލީ އާދަމް ވަކިކުރުމުގެ ކުރިން ޖަވާބުދާރީވާން ފުރުސަތު ދެނީ

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި، މެސެޖްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އޭނާ އަށް ދޭން ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތު ދޭން ހުށަހެޅީ މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ.ކޮމިޓީއަށް ހާޒިރުވާން ބޭނުންނަމަ އެ ފުރުސަތު އަލީ އާދަމަށް ދިނުމަށް އަލީ ހުސައިން ހުށަހެޅުއްވި އެވެ.މީގެ އިތުރުން ޖޭއެސްސީގެ ކަމާގުޅޭ ބޭފުޅުން ހާޒިރުކޮށް މައުލޫމާތު ސާފުކުރަންޖެހޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.އަލީ ހުސައިންގެ އެ ހުށަހެޅުއްވުމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ތާއީދުކުރައްވާފައިވާއިރު އެ ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.އެކަމަކު ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މި ފަހަރު މި ގޮތަށް ފާސްކުރި ނަމަވެސް، މިއީ މިފަދަ ކޮންމެ މައްސަލައެއްގައި އަމަލުކުރާނެ ގޮތް ކަމަށް ކަނޑައަޅަން ދަތިވާނެ ކަމަށެވެ.ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތެރޭގައި ތިއްބަވާ ފަނޑިޔާރުން ކޮމިޓީއަށް ހާޒިރުކޮށްގެން، މައްސަލަތައް ދިގުލައިގެން ދިއުމުގެ ފުރުސަތު އޮތުމެވެ. އެހެންކަމުން، މި ގޮތަށް އަމަލުކުރާނީ ކޭސް ބައި ކޭސް އުސޫލުން ކަމަށް ޝަރީފް ވިދާޅުވި އެވެ.އަލީ އާދަމްގެ މައްސަލަ ބަލަން ފެށުމާ އެކު މިދިޔަ މެއި 25 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ.މީގެ ތެރޭގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާ ގުޅޭ މައްސަލައަކާއި، ތަފްރީގް ކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި އަމިއްލަ ޖަމިއްޔާއެއް އުފައްދައި ހަރަކާތްތެރިވި މައްސަލައެއް ވެސް ހިމެނެ އެވެ.ގާޒީންގެ ސުލޫކީ މައްސަލަތައް ކޮމިޝަނަށް ހުށަހެޅުން އިތުރުވެފައިވާއިރު ގާޒީންނަށް އެކި ފިޔަވަޅުތައް އެޅުންވެސް ވަނީ އިތުރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ