ސިޔާސީ ގޮތުން މަގު ކޮށައިދިނުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހީމްގެ އެހީތެރިކަން އެހެން ސިޔާސީ ލީޑަރުންނަށްވެސް ލިބޭނެކަމަށާއި، އެއީ ރައްޔިތުންގެ ހެވާ ލާބަޔަށް ވިސްނާފައިކޮށްދޭ ކަންތައްތަކެއްކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.
ސައުދު ވިދާޅުވީ ކޮންމެ ބަޔަކުވެސް ޕާޓީއެއް އުފައްދަނީ އެބަޔެއްގެ މެނިފެސްޓޯއެއް ވިއްކުމަށްކަމަށާއި، އެ ޕާޓީއަކަށް ގަބޫލުކުރެވޭ ރަނގަޅު ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދިނުމަށްޓަކައިކަމަށެވެ. ޖުމްހޫރީ ޕާޓީއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ބުރަވާކޮޅެއްގެ މައްޗަށްކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީ އިން އިންތިހާބުގައި ވާދަކުރީވެސް ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ގެނައުމަށްކަމަށެވެ.
ސައުދު ވިދާޅުވީ ގާސިމް އަކީ ރައްޔިތުންނާއި ހަމައަށް ނަތީޖާ ނެރެދީފައިވާ ބޭފުޅެއްކަމަށާއި، އަދި ގާސިމްއަކީ ތަޖުރިބާވެސް ހުންނެވި ބޭފުޅެއްކަމަށެވެ. އިކޮނޮމީ ސްޓޭބަލްކުރާނެ ފޯމިއުލާވެސް ގާސިމްއަށް އެނގިލައްވާނެކަމަށް ފާހަގަކޮށް، ސައުދު ވިދާޅުވީ ގާސިމްއަކީ ތައުލީމީ ރޮގުންވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށެވެ. އަދި ސިއްހީ ނިޒާމު ހަރުދަނާކުރުމުގައިވެސް ގާސިމްގެ ވަރަށް ބޮޑު ދައުރެއް އެބަ އޮތްކަމަށްވެސް ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ފަރާތުން މީގެ ކުރިން ވަރަށް ބޮޑަށް ގާސިމްއަށް ފާޑުވިދާޅުވުމަށްފަހު މިހާރު ގާސިމްއަށް ތައުރީފްކުރައްވާ ވާހަކަދައްކަވާކަން ނޫސްވެރިޔާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ކުރިއަށްދިއުމަށްޓަކައި މަގުކޮށުމަށް ގާސިމް ބޭނުންކުރައްވާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާތީ އެވާހަކަތަކަށް ރައްދުދެއްވާ ސައުދު ވިދާޅުވީ ސިޔާސީ ލީޑަރުން ކަންކަން އެދުމުން އެކަންކަން އެންމެ ފަސޭހައިން ކޮށްދެއްވާ ބޭފުޅަކީ ގާސިމްކަމަށެވެ. ސިޔާސީ ގޮތުން މަގު ކޮށައިދިނުމުގައި ގާސިމްގެ އެހީތެރިކަން ވަރަށް ބޮޑަށް އެކި ފަރާތްތަކަށް ލިބިގެންދާނެކަމަށް ސައުދު ވިދާޅުވިއެވެ.
ކަންކަން ކޮށްދެއްވުމުން ބަޔަކަށް އެއީ ޓޫލްއެއްގެ ގޮތުގައި ސިފަވެދާނެކަމަށާއި، ނަމަވެސް ގާސިމް އެފަދައިން ކަންކަން ކޮށްދެއްވަނީ އެކަންކަމުން ރައްޔިތުންނަށް ލިބޭނެ ހެވާ ލާބަޔަށް ވިސްނުމަށްފަހުކަމަށް ފާހަގަކޮށް ސައުދު ވިދާޅުވީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ހޯއްދެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފުރުސަތުނުދެއްވަންވީ ސަބަބަކީ ކޮބައިތޯ ގާސިމް އައްސަވާކަމަށެވެ. ފުރުސަތު ނުދިނުމުން އެމަނިކުފާނަށްވާނެ ފައިދާއެއް ނޯންނާނެކަމަށް ގާސިމް ވިދާޅުވާކަމަށް ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވަކި ކެނޑިޑޭޓަކު ނެރެ ވާދަކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ އެ ނިންމުމުގެ ސަބަބުން ޖުމްހޫރީ ޕާޓީ ކޯލިޝަނުން ވަކިކޮށްފާނެކަމަށް ނުބެލެވޭކަމަށެވެ.
ގާސިމް އެހެން މީހުންނަށް ސިޔާސީ ގޮތުން މަގުކޮށައިދެނީ ރައްޔިތުންގެ ހެވާ ލާބަޔަށް ވިސްނާފަ: ސައުދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ