އިންޑިއާއާ ދެކޮޅަށް ލަންކާގެ ސަރަހައްދު ބޭނުމެއް ނުކުރެވޭނެ: ލަންކާގެ ރައީސް

އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިންޑިއާ އާއި ލަންކާއާ ދެމެދު ދިފާއީ، ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ސިއްހީ އަދި ވިޔަފާރީގެ ދާއިރާގެ މުހިންމު ހަތް އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އަނޫރާ ކުމާރަ ދިސަނަޔަކަ ލަންކާ ހިންގަވަން ފެއްޓެވި ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރުގަ އެވެ.
އަނޫރާ ވަނީ އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ނުރައްކާވާ ފަދަ ގޮތަކަށް ލަންކާއިން އެ ގައުމުގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަން މޯދީއަށް ދެއްވާފަ އެވެ.
"އިންޑިއާގެ ސަލާމަތާއި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާ ފަދަ ގޮތަކަށް ލަންކާގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ދެ ފަރާތުން އިއްޔެ ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގައި އަނޫރާ ވިދާޅުވި އެވެ.
އަނޫރާގެ ވާހަކައަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވީ އިންޑިއާގެ މަސްލަހަތާ މެދު އަނޫރާ ދެއްކެވި އިހުލާސްތެރި ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މޯދީ ވަނީ ދިފާއީ ދާއިރާއިން ދެ ފަރާތުން ގާއިމު ކުރި މުހިންމު އެއްބަސްވުންތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.
ތިން ދުވަހުގެ ދަތުރެއްގައި މޯދީ ލަންކާއަށް ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. މޯދީ ވަނީ އަނޫރާއާ އެކު ހާއްސަ އަދި ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.
'ފޮސްޓަރިން ޕާޓްނާޝިޕްސް ފޮ އަ ޝެއާޑް ފިއުޗާ'ގެ ގުޅިފައިވާ ވިސްނުން ހަގީގަތަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް ވަނީ ދެއްވައިފަ އެވެ.
މޯދީ ވަނީ ލަންކާގެ އިގްތިސާދީ އަނދަވަޅުން އަރައިގަތުމުގައި އިންޑިއާއިން ސްރީލަންކާއާ އެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ދެ ފަރާތުން ސޮއި ކުރި އެއްބަސްވުންތަކަކީ:
ކަރަންޓު އިމްޕޯޓް/އެކްސްޕޯޓް ކުރުމަށް އެޗްވީޑީސީ އިންޓަކަނެކްޝަން ތަންފީޒު ކުރުމަށް އިންޑިއާ ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ގާއިމު ކުރި އެމްއޯޔޫ
ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް އާބާދީގެ މިންގަނޑުން ތަންފީޒުކުރަމުންދާ ކާމިޔާބު ޑިޖިޓަލް ސޮލިއުޝަންތައް ހިއްސާކުރުމުގެ ރޮނގުން އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ލަންކާގެ މިނިސްޓްރީ އޮފް ޑިޖިޓަލް އިކޮނޮމީއާ ދެމެދު ގާއިމު ކުރި އެމްއޯޔޫ
ޓްރިންކޮމަލީ އަކީ ހަކަތައިގެ ހަބެއްގެ ގޮތުގައި ތަރައްގީ ކުރުމުގައި އެއްބާރުލުން ދިނުމަށް އިންޑިއާ ސަރުކާރާއި ލަންކާ ސަރުކާރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރާ ދެމެދު ގާއިމު ކުރި އެމްއޯޔޫ
ދިފާއީ އެއްބާރުލުމާ ބެހޭ ގޮތުން އިންޑިއާ ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ގާއިމު ކުރި އެމްއޯޔޫ
ލަންކާގެ އިރުމަތީ ޕްރޮވިންސަށް މަލްޓި ސެކްޓޯރަލް ގްރާންޓް އެސިސްޓެންސްގެ އެމްއޯޔޫ
ސިއްހީ އަދި ބޭސްވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތާއި ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އަދި މާސް މީޑިއާއާ ދެމެދު ގާއިމު ކުރި އެމްއޯޔޫ
އިންޑިއަން ފާމަކޯޕިއާ ކޮމިޝަނާއި މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އާއި އިންޑިއާ ސަރުކާރާއި ލަންކާ ސަރުކާރުގެ ނޭޝަނަލް މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީއާ ދެމެދު ފާމަކޯޕޮއިއަލް ކޯޕަރޭޝަންގެ އެމްއޯޔޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ