ފަތުރުވެރިކަމުގެ ހިދުމަތް ދޭ ރިސޯޓު އަދި ހޯޓާ ފަދަ ތަންތަނުގެ މުވަޒަފުން ތުނބުޅި މަތިމަސް ބެެހެއްޓޭ ގޮތަށް ހެދުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު މަޖިލީހުން ބަލައިިގެންފި އެވެ.
ވީ ކިހިނެއް؟ - ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުން ތަބާވާން ޖެހޭ ޑްރެސްކޯޑުތައް އެކުލަވާލާފައިވާ ގޮތުގެ ސަބަބުން އެ މުވައްޒަފުން މަސައްކަތުގެ މާހައުލުމުގައި ބުރުގާ އެޅުމަށާއި ތުނބުޅި މަތިމަސް ބެހެއްޓުމަށް ހުރަސްތަކެއް ހުރި ކަމަށް ބުނެ، އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި މަޖިލިހަށް ގަރާރެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރެވެ.
މިދިޔަ ނޮވެމްބަރު މަހު އޭނާ ހުށަހެޅުއްވި މި ގަރާރަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސްކޮށް ނިންމައި އިތުރަށް ދިރާސާ ކުރުމަށް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހި އެވެ. ވޯޓަށް އެހުމުން، ގަރާރު ބަލައިގަތުމަށް ފާސްވެފައި ވަނީ 60 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ތަފްސީލު - މީގެ ކުރިން ބައެއް ރިސޯޓުތަކުގައި މަސައްކަތް ކުރެއްވި އަދި ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ، ޓީމްގައި ވެސް އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މައުރޫފް ހުށަހެޅުއްވި ގަރާރުގައި އޭނާ ވިދާޅުވި ގޮތުގައި، އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވެ އެވެ. އަދި ކޮންމެ މީހަކަށް އެ މީހަކު އިހްތިޔާރު ކުރާ ވަޒީފާއެއް އަދާ ކުރުމުގެ ހައްގު ވެސް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތަށް އެކަން އޮތް އިރު، ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުން ތަބާވާން ޖެހޭ ގްރޫމިން ސްޓޭންޑަޑް ނުވަތަ ހެދުން އެޅުމުގެ މިންގަނޑުތައް އެކުލަވާލައިވާ ގޮތުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި އަންހެން މުވައްޒަފުންނަށް ބުރުގާ އަޅައިގެން އުޅުމަށާއި ފިރިހެން މުވައްޒަފުންނަށް ތުނބުޅި އަދި މަތިމަސް ބެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި:
މިގޮތަށް މިކަން އޮތުމުން، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅައިގެން ނުވަތަ ތުނބުޅި އަދި މަތިމަސް ބަހައްޓައިގެން ތިބޭ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ހައްގަށް ހުރަސް އެޅޭ
ބުރުގާ އެޅުމާއި ތުނބުޅި މަތިމަސް ބެހެއްޓުމަކީ އިސްލާމީ ޝަރީއަތުގެ އަސްލާ ވެސް ހިލާފު ކަމެއް ނޫން
މި ގަރާރުގައި ސަރުކާރަށް އޭނާ ގޮވާލެއްވީ، މި ހުރަސްތައް ނައްތާލައި ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި މުވައްޒަފުން އަމަލު ކުރަން ޖެހޭ ގްރޫމިން ސްޓެންޑާޑްތައް އަދި ޑްރެސްކޯޑު އެކުލަވާލުމުގައި ރިއާޔަތް ކުރަން ޖެހޭ ހަމަތަކާއި އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވާލުމަށެވެ.
މި ގަރާރަށް ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ގިނަ މެންބަރުން ވެސް ވަނީ މި ގަރާރަށް ތާއީދުކުރައްވައި ވާހަކަ ދައްކަވާފަ އެވެ.
ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހެދުމަށް ހުށަހެޅި ގަރާރު ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ