ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށް ލެވަކޫސަންގެ އާދަޔާ ހިލާފް ސީޒަން ނިންމާލައިފި

އެސްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ޓީމްގެ ޝަރަފް ހޯދި ބަޔާން ލެވަކޫސަން އިން ޖަރުމަނު ކަޕް ވެސް ކާމިޔާބު ކޮށް، އެ ޓީމްގެ އާދަޔާ ހިލާފް ސީޒަން ނިންމާލައިފިއެވެ.
ރޭ ކުޅުނު ކަޕް ފައިނަލް މެޗުގައި ލެވަކޫސަން އިން ވަނީ ދެވަނަ ޑިވިޒަންގެ ޓީމެއްކަމަށް ވާ ކައިސަސްލައުޓެން އަތުން 1-0 ގެ ނަތީޖާއިން މޮޅުވެފައެވެ.
ނިމިގެން މިދިޔައީ ލެވަކޫސަންއަށް ވަރަށް ތާރީހީ ސީޒަނެކެވެ. އެ ޓީމްގެ ހަޔާތުގައި ޖަރުމަނު ލީގުގެ ޗެމްޕިއަނަކަން ފުރަތަމަ ފަހަރަށް ހޯދިއިރު، އެކަން ކޮށްފައި ވަނީ ވެސް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.
ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން މުޅި ސީޒަންގައި އެ ޓީމުން 53 މެޗު ކުޅުނުއިރު އޭގެތެރެއިން އެ ޓީމް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ބަލިވީ މިދިޔަ ހަފްތާގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި އިޓަލީގެ އެތުލާންޓާ އަތުންނެވެ. މި ސީޒަންގައި ލެވަކޫސަން އިން ވަނީ ބަލިނުވެ 51 މެޗު ކުޅެ، ޔޫރަޕްގައި ބަލިނުވެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް ހަދާފައެވެ.
ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލެވަކޫސަންގެ ހަމައެކަނި ލަނޑު ޖަހައިދިނީ، މެޗުގެ 17 ވަނަ މިނިޓްގައި ގްރޭނިޓް ޒަކާ އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މި މެޗުގެ ބޮޑުބައި ލެވަކޫސަން އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ  44 ވަނަ މިނިޓްގައި އެ ޓީމުގެ، އޮޑީލޯން ކޮސޫނޫ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ