މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖޭގައި ހަރަކާތްތެރިވާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރުގައި ހިމެނުމުގެ ފުރުސަތު މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި ޖަމާޢަތްތައް، ޓްރޭޑް ޔޫނިއަންގެ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތުދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވާލަން ޖެހޭކަމަށެވެ.
އެހެންކަމުން ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް، ވަގުތީ ދަފްތަރުގައި ހިމެނުމަށް ގޫގުލް ފޯމް (ލިންކް: https://forms.gle/Kt2qdCub9fAPcRMV7) މެދުވެރިކޮށް ދަފްތަރުވުމަށް މަޢުލޫމާތު ޙިއްސާކޮށްދިނުމަށް މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ތަސްދީގު ކުރެއްވި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުގައިވާ ގޮތުން އެ ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީ ކުރާނީ އަދި ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އަމަލުކުރާނީ އެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
ޖެނުއަރީ މަހުގެ 2 ވަނަ ދުވަހު ތަސްދީޤުކުރި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުގައި ވަނީ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ކުރިއަރުވައި އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ޙައްޤު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް ޤާނުނުގައި ހިމަނާފައި ވެއެވެ.
މީގެ އިތުރުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ވެސް އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް އެކުލަވާލާ ގަވާއިދަށް ޢަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި، ކުރިން އެހެން ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގަމުން އައި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓްރާރ އޮފް ޔޫނިއަންސްއަށް ހުށަހަޅައިގެން ރަޖިސްޓަރީ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ