ކުރީގެ މެންބަރުންނަށް ދޭ އެލަވަންސް އުވާލަން ގޮވާލާ އަޑު ސޯޝަލް މީޑިއާގައި، ބައެއް މެމްބަރުން ތާއީދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދެމުންދާ އެލަވަންސް އުވާލުމަށް ގޮވާލާ އަޑު ސޯޝަލް މީޑިއާގައި ގަދަވެއްޖެއެވެ.
މިކަމަށް ބައެއް މެމްބަރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފައިވާ ފަރާތްތަކަށް ދެމުން އަންނަ މާލީ އިނާޔަތް އުވާލުމަށް ތާއީދު ކުރައްވާ ކަމަށެވެ.
މީގެއިތުރުން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ކުރީގެ މެންބަރުންގެ އެލަވަންސް އުވާލަންޖެހޭ ސަބަބުތައް އެބަހުރި ކަމަށާއި އެއް ކަމަކީ އެކަމުގެ ސަބަބުން ދައުލަތު މާލިއްޔާއަށް އޮންނަ ބުރަ އާއި އޭގެ ސަބަބުން އާންމު ރައްޔިތުންގެ އާމްދަނީއާއި މެންބަރުންގެ އިނާޔަތާ ދެމެދު އޮންނަ ފަރަގު ބޮޑުވުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައި އެ އިނާޔަތްތައް ކަނޑައިލުމަށް 2022 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ އޭރުގެ މެންބަރު، އަދި މިހާރުގެ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކުރައްވައިފައިވާ ބޭފުޅަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.
އެ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކުރައްވައިފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަވާ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރު މެންބަރުކަން ކުރައްވައިފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި މެންބަރުކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އޮންނަ މުސާރައެއްގެ 45 ޕަސެންޓް ދައުލަތުން ދޭންވާނެއެވެ.
ގާނޫނުގައިވާ ގޮތުން މި އިނާޔަތް ލިބޭނީ ރައްޔިތުންގެ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހުގައެވެ. ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިދިޔަ އާދިއްތަ ދުވަހު އިންތިހާބު ކޮށްފައި ވާއިރު، ގިނަ މެންބަރުންނަކީ މުޅިން އާ މެންބަރުންނެވެ. ނިމިގެންމިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން ދެ ވަނަ ދައުރެއް ހޯދާފައި ވަނީ އެންމެ 11 މެންބަރުންނެވެ. އެހެންކަމުން މި ނިމޭ މަޖިލީހުން ވެސް 76 މެންބަރަކަށް އެލަވެންސް ދޭން ޖެހޭނެއެވެ.
ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުގައި މިއީ ދައުލަތަށް އުފެލޭ މިންވަރަށް ވުރެ ބޮޑު މާލީ ބުރައެކެވެ.
މި މައުޟޫގައި ވާހަކަ ދެއްކެވި ވެރިކަން ކުރާ ޕީއެންސީގެ 20 ވަނަ މަޖިލީހުގެ ބާރަށު ދާއިރާ ތަމްސީލު ކުރައްވައި އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސްކަން ކުރައްވައިފައި ވާ ފަރާތްތަކަށާއި މަޖިލީހުގެ މެންބަރުންނަށާއި ފަނޑިޔާރުންނަށް ލިބޭ އިނާޔަން ހަމަހަމަވާން އަބަދުވެސް ވަކާލާތު ކުރައްވާ ކަމަށާއި އަންނަ މަޖިލީހުގައި އެ މަސައްކަތް ކުރެވޭއިރު އެކަމަށް އޭނާ ތާއީދު ކުރައްވާނެ ކަމަށެވެ.
ހަމަ އެހެންމެ އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ހޮވިވަޑައިގެންނެވި މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ހައްގަށް ވަކާލާތު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ