އާ މަޖިލިސް ހުވާ ކުރުން މޭ 28 ގައި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރުން މޭ 28 ގައި އޮންނާނެ ކަމަށެވެ. އެކަމާ ގުޅޭ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުން ގެންދާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.އިލެކްޝަންސް ކޮމިޝަން އިން އާންމުކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީ އަށް 66 ގޮނޑި ލިބިފައިވެ އެވެ.އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.މީގެ އިތުރުން އެމްޑީއޭ އަށް ދެ ގޮނޑި، ޖޭޕީއަށް އެއް ގޮނޑި އަދި އެމްއެންޕީއަށް އެއް ގޮނޑި ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ