ކަރަންޓް މައްސަލަ ހައްލުކުރަން ކުޅުދުއްފުއްޓަށް އިތުރު ދެ އިންޖީނު ގެނެސްފި

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މިއަދު އެރަށަށް ދެ އިންޖީނު ގެނެސްފި އެވެ.
މިއަދު ގެނައި ދެ އިންޖީނަކީ 600 ކިލޯވޮޓްގެ ދެ އިންޖީނެކެވެ. އިންޖީނުތަކާއެކު އެއަށް ބޭނުންވާ ޓްރާންސްފޯމަރާއި އިތުރު ބައެއް ސާމާނުވެސް ގެނަ އެވެ.
ހޫނުގަދަވެ ލޯޑްވެ މަތިވުމުގެ ސަބަބުން ކުޅުދުއްފުށިން ކަރަންޓްގެ ހިދުމަތް މެދުކެނޑޭތާ ދެ މަސް ވަނީވެފަ އެވެ. ރޯދަމަހުވެސް ކޮންމެ ދުވަހަކު ގަޑިއިރަކަށް އެކި ސަރަހައްދުންތަކުން ކަރަންޓް ކެނޑި އެވެ.
ކަރަންޓްގެ މައްސަލަ ހައްލުނުވެ ދިގުލާދާތީ އާންމުގެ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ. ކަރަންޓްގެ މައްސަލަ ހައްލުކުރަން 800 ކިލޯވޮޓްގެ އިންޖީނެއްވެސް ގެނެސް އިންސްޓޯލްކުރި އެވެ. އެހެންނަމަވެސް މައްސަލަ މުޅިން ހައްލެއް ނުވެ އެވެ.
ކުޅުދުއްފުށީގެ ކަރަންޓްގެ މައްސަލައާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދުވެސް ކުޅުދުއްފުއްޓަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވި އެވެ.
މުއާޒް ކޭއޯއަށް ކުރިން ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ ކަރަންޓް މައްސަލައަށް މުޅިން ހައްލު ވާނީ މިހާރު ހަދަން ފަށާފައިވާ އާ އިންޖީނުގޭގެ އިމާރާތްކޮށް ނިންމާލައިގެން ކަމަށެވެ. އެހެންވުމުން އެ މަސައްކަތް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށެވެ.
އަދި ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އިތުރު 1 މެޖަވޯޓްގެ އިންޖީނެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވި އެވެ.
މިއަދު ގެނައި ދެ އިންޖީނާއެކު މިހާރު ކަރަންޓްގެ ހިދުމަތް ދިނުމަށް 10 އިންޖީނު ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ