ރައީސްގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައިފިއެވެ. މިކަން އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖެއިސްވާލް ވަނީ ބޭރުގެ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށްފަހު މިހާރު ވަނީ ސިފައިންގެ ބަދަލުގައި ޓެކްނިކަލް މަދަނީ މީހުންތައް ގެނެސްފައި ކަމަށެވެ.
ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިންނަށް ގާއިމުވެ ނުތިބެވޭނެ ކަމަށާއި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަކާއެކު އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރާ ގުޅިގެން އެ މަސައްކަތް ފައްޓަވާފައެވެ.
ދެ ޤައުމު ގުޅިގެން ކުރި މަޝްވަރާތަކާއެކު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެއްބަސްވިއެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާރިޗު މަހު އެއް ޕްލެޓްފޯމު އަދި މިދިޔަ އޭޕްރިލް މަހު އަނެއް ޕްލެޓްފޯމުގައި ތިބި ސިފައިން ވަނީ ފޮނުވާލާފައެވެ. މިހާރު ފޮނުވާލާފައިވަނީ ތިންވަނަ ޕްލެޓްފޯމުގައި ތިބި ސިފައިންނެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުން އައީ އެ ޤައުމުން ހަދިޔާކޮށްފައިވާ ދެ ހެލިކަޕްޓަރާއި ޑޮނިއާއެއް ދުއްވައި، މެއިންޓަނަންސްގެ ކަންކަން ބެލެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ