ޙަމަލާތައް މެދުކަނޑައިލިފަހުން ހުރްމުޒް ހުރަސްކުރެވުނީ އެންމެ 45 އުޅަނދަށް

ގާތްގަނޑަކަށް ހަ ހަފްތާގެ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކަށްފަހު، މި މަހުގެ 8ވަނަ ދުވަހުން ފެށިގެން އީރާނާއި އެމެރިކާއާ ދެމެދު ޙަމަލާތައް މެދުކަނޑައިލުމަށް އެއްބަސްވިފަހުން، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރެވިފައިވަނީ އެންމެ 45 އުޅަނދަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފެބްރުއަރީ 28ވަނަ އެމެރިކާއާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގެ ރައްދުގައި، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައި ތާށިކޮށްފައެވެ. މެދުއިރުމަތީގެ ތެލާއި ގޭހުގެ 20 އިންސައްތަ ބޭރުކުރަނީ ހުރްމުޒް ހުރަސްކޮށްކަމަށްވާއިރު، ސަޕްލައިގެ ތާށިކަމާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ ރެކޯޑު އަދަދަކަށް އުފުލިފައެވެ.
ދުނިޔޭގެ ކަނޑު އުޅަނދުތަކުގެ މަޢުލޫމާތު ބަލަހައްޓާ ކެޕްލަރ އިން ބުނި ގޮތުގައި، ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު 100އަށް ވުރެ ގިނަ އުޅަނދު ދިޔައީ ހުރްމުޒް ހުރަސްކުރަމުންދިޔަ ނަމަވެސް، އެ ނިސްބަތް ގާތްގަނޑަކަށް 95 އިންސައްތައަށް ވަނީ ވެއްޓިފައެވެ.
މިގޮތުން، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން އޭޕްރީލް 12 އާ ހަމައަށް އެ ކަނޑުއޮޅި ހުރަސްކުރެވިފައިވަނީ އެންމެ 279 އުޅަނދަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭޕްރީލް 8ވަނަ ދުވަހު ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވަނީ އެންމެ 45 އުޅަނދަށެވެ.
ހުރްމުޒް ބަންދުކުރުމަށްފަހު، ހުއްދަ ނެތި އެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކަށް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފައިވާއިރު، ހަނގުރާމަ ފެށުނު ފަހުން ޖުމްލަ 22 އުޅަނދަކަށް ޙަމަލާދީފައިވާ ކަމަށް ކެޕްލަރ އިން ބުނެފައިވެއެވެ.
މިގޮތުން، އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ ކަނޑުގެ ސަރަޙައްދުން 8 އުޅަނދަކަށް، އޮމާނުގެ ކަނޑުގެ ސަރަޙައްދުން ހަ އުޅަނދަކަށް ޙަމަލާ ދީފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެއިތުރުން، ބަޙްރޭނު، ކުވޭތު، ސަޢުދީ ޢަރަބިއްޔާ އަދި އީރާނުގެ ކަނޑުގެ ސަރަޙައްދުން ވެސް އުޅަނދުތަކަށް ޙަމަލާތައް އާމަޒުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ