މި އަހަރަށް ފާސްކުރީ ރާއްޖޭގެ ކްރިކެޓްގެ މުސްތަގުބަލަށް މުހިންމު ބަޖެޓެއް މި އަހަރަށް ފާސްކުރީ ރާއްޖޭގެ ކްރިކެޓްގެ މުސްތަގުބަލަށް މުހިންމު ބަޖެޓެއް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މި އަހަރަށް ފާސްކުރި 7.5 މިލިއަން ރުފިޔާގެ ބަޖެޓަކީ، ރާއްޖޭގެ ކްރިކެޓްގެ މުސްތަގުބަލަށް މުހިންމު ބަޖެޓެއް ކަމަށް ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވަނީ ވިދާޅުވެއްޖެ އެވެ.
ސީބީއެމްގެ ބަޖެޓް ފާސްކުރީ، 30 ޑިސެމްބަރު 2025 ވަނަ ދުވަހު، ކްރިކެޓް ބޯޑުގެ މީޓީން ރޫމްގައި ބޭއްވުނު، އެ އެސޯސިއޭޝަންގެ މެމްބަރުންގެ ހާއްސަ ބައްދަލުވުމުގަ އެވެ. އަދި، ބަޖެޓް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ކްލަބްތަކުގެ އަގުލަބިއްޔަތުން ކަމަށް ސީބީއެމް އިން ވަނީ މައުލޫމާތު ދީފަ އެވެ.
ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް ވިދާޅުވީ، ކްރިކެޓް ބޯޑު ގެ 2026 ވަނަ އަހަރުގެ ބަޖެޓް ތައްޔާރުކުރެވިފައިވާނީ، ޖޫނިއާ ކްރިކެޓް އާއި ޔޫތު ކްރިކެޓް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރު އެޅޭ ގޮތަށް ކަމަށެވެ.
"ބޯޑުގެ ކުރިއަށް އޮތް ތިން އަހަރުގެ އެންމެ ބޮޑު އަމާޒަކީ އާ ކުޅުންތެރިން އުފެއްދުމާއި، ކްރިކެޓަކީ ކުޑަ ކުދިންނާއި، ޒުވާނުންގެ މެދުގައި މަޤްބޫލު ކުޅިވަރަކަށް ހެދުން. ބޯޑުން 2025 ވަނަ އަހަރު ކުރެވުނު މަސައްކަތުން މިހާރު ވަނީ 16 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ސްކޮޑްތަކެއް އެކުލަވާލެވިފައި،" ފައިސަލް ވިދާޅުވި އެވެ.
ދެ ވަނަ ދައުރަކަށް ކްރިކެޓްގެ ރައީސްކަން ކުރައްވަމުން އަންނަ ފައިސަލް ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި މި ޒުވާން ކުޅުންތެރިންނަށް އިސްކަންދީ، ކުޅުންތެރިންނަށް މެޗު އެކްސްޕީރިއަންސް (ތަޖުރިބާ) ހޯދުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މީގެ އިތުރުން ކްރިކެޓް ބޯޑުން ކްރިކެޓް ތަރައްޤީ ކުރުމަށް މުސާރާދޭ ކޯޗުންގެ މަސައްކަތް ވަޒަން ކުރުމުގެ ގޮތުންނާއި ނާތީޖާ ހާސިލްކުރުމަށް ބާރުއެޅުމުގެ ގޮތުން، އާ އެއްބަސްވުންތަކެއް ހެދި އެ ކޮންޓްރެކްޓްގެ ތެރެއިން އެ ފަރާތްތައް އިތުރަށް ޒިންމާދާރު ކުރުމަށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ކްރިކެޓް ބޯޑުގެ އެޤްޒެކެޓިވް ކޮމިޓީގެ އަމާޒަކީ، ބޯޑަށް ލިބޭ އާމްދަނީން، ދެކޮޅުޖެހޭނެ، ބެލެންސް ބަޖެޓަކާއެކު މަސައްކަތްކުރުން. މި ގޮތުން 2025 ވަނަ އަހަރުގެ ޕްރޮގްރާމްތައް ވެސް މި ނިންމާލެވުނީ ބަޖެޓްގެ ތެރެއިން، އަދި، 2026 ވަނަ އަހަރަށް ކޮންމެސް ވަރެއްގެ ސޭވިންސް އެއް ވެސް ބަހައްޓައިގެން." ފައިސަލް ވިދާޅުވި އެެވެ.
ކްރިކެޓް ބޯޑުން މި އަހަރަށް ފާސްކޮށްފައިވަނީ 7،526،887.00 ރުފިޔާގެ ބަޖެޓެކެވެ. އަދި، ބަޖެޓުގެ ބޮޑު ބައެއް ހަރަދު ކުރުމަށް ކަނޑައަޅާފައިވާނީ، ޖޫނިއާ ކްރިކެޓާއި ޔޫތު ޑިވެލޮޕްމަންޓް އަށެވެ.
މި އަހަރުގެ ބަޖެޓަށް ބަލާލާއިރު، ބަޖެޓްގެ 38 ޕަސެންޓް ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ ޖޫނިއާ ކްރިކެޓާއި އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކަށާއި، ކޯޗުންގެ މުސާރަ އަށެވެ. ދެން، އެންމެ ބޮޑު އިންސައްތައެއް ކަންޑައެޅިފައިވަނީ ހައިޕާފޯމަންސް އަށެވެ. އެއީ، ބަޖެޓްގެ 15 ޕަސަންޓް އެވެ.
މީގެ އިތުރުން، ކްރިކެޓް ވަސީލަތްތައް ތަރައްގީ ކުރުމަށް 13 ޕަސެންޓް ކަންޑައަޅާފައިވާއިރު، 12 ޕަސެންޓް ހަރަދުވާނީ އިދާރީ މުވައްޒަފުންނަށެވެ.
މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 7،604،735.00 ރުފިޔާ އެވެ. މީގެ ތެރޭގައި ކްރިކެޓް ތަރައްޤީ ކުރުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލްއިން ދޭ ހިލޭ އެހީ އާއި، އިދާރީ ހިންގުމަށް ސަރުކާރުން ދޭ ފައިސާ ހިމެނެ އެވެ. އަދި، އޭޝިއަން ކްރިކެޓް ކައުންސިލުން ދޭ އެހީ އާއި، މުބާރާތްތަކުގެ ސްޕޮންސަރުންގެ ގޮތުގައި ލިބޭ ފައިސާ އާއި، އެހެނިހެން ގޮތްގޮތުން ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ ފައިސާ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ