އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރުންގެ ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދިނުމަށް އަނެއްކާވެސް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނީ އެ ނިންމުމާ ގުޅިގެން އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެ ކަމަށެވެ.
މިގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެ މުއްދަތުގައި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސައި ދޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެފަައި ވެއެވެ.
އެމްޑަބްލިޔު އެސްސީން ބުނީ މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ޚަލާސްކުރުމުން ކަމަށެވެ.
އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ [email protected] އަށް އީ-މެއިލްކުރުމުން މިކަމުގައި އެހީތެރިކަން ލިބޭނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
އެހެންކަމުން ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކައި ޚަލާސް ކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.
ފެން ބިލްތަކުގެ ޖޫރިމަނާތައް މައާފުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ