ވެރި ރަށް މާލޭގައި ހުންނަ ހުކުރު މިސްކިތުގެ މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮލިޓީ އުވަ ނުލިބުން ކަމަށް ސަގާފަތާ ބެހޭ މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުންނާރަކީ ހުކުރު މިސްކިތުގެ ބައެއްގެ ގޮތުގައި މީގެ 351 އަހަރު ކުރިން 1675 ވަނަ އަހަރު ބިނާ ކުރި ތަނެކެވެ. މުންނާރު ހަދާފައި ވަނީ ހިރިގަލުންނެވެ. މުންނާރު ބޭރުގައި ހުންނަނީ އުވަ ޖަހައި، ހުދު ކުލަ ލައިފަ އެވެ.
މުންނާރު ހަޑިވެފައި ހުންނަ މައްސަލައިގައި މިއަދު މަޖިލީހުގައި ސުވާލު ކުރުމުން ހީނާ ވިދާޅުވީ، މުންނާރު ހަޑިވުމުގެ މައިގަނޑު ސަބަބަކީ ކޮލިޓީ އުވާ ނުލިބުމާއި އުވަލުމުގައި ދިމާވާ ދަތިތައް ކަމަށެވެ.
"މާލޭގެ މުންނާރަކީ ވަކި ގޮތަކަށް ވަކި މިންގަނޑުތަކަކަށް ބަލަހައްޓަމުން އަންނަމުންދާ ތަނެއް. މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯދުން. ދެން މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ވެސް ހުރޭ. ދެން އުވަލުމަށްފަހު އުވަ ހިކެން ނަގާ ވަގުތުތަކުގައި ބައެއް ފަހަރު ވިއްސާރަވުމާއި މިކަހަލަ ކަންތައް ވެސް ކުރިމަތިވޭ،" ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވި ގޮތުގައި މުންނާރު ހަޑިކޮށް ހުންނަ ތަން ފެންނަ އަނެއް ސަބަބަކީ އެތަން ބެލެހެއްޓުމުގައި ގެންގުޅެންޖެހޭ ތާވަލުތަކެވެ. ނަމަވެސް މުންނާރު މާ ބޮޑަށް ހަޑިވެއްޖެ ހެރިޓޭޖް އޮފީހުން މުންނާރު ސާފު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުކުރު މިސްކިތުގެ މުންނާރުގައި އުވަލުމާއި ދޭންޖެހޭ ފަރުވާ ދިނުމާއި މިކަންކަން މި އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކުރިއަށްގެންދާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ހުކުރު މިސްކިތާއި މުންނާރަކީ ވޯލްޑް ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ޔުނެސްކޯއިން ލިސްޓުކޮށްފަ އެވެ. ހުކުރު މިސްކިތް އެންމެ ފުރަތަމަ ބިނާ ކުރީ 1153 ވަނަ އަހަރުގައި ސުލްތާން މުހައްމަދު ބިން އަބްދުﷲ އެވެ. އޭގެ ފަހުން 1338 ގައި ސުލްތާން އަހުމަދު ޝިހާބުއްދީން އެ މިސްކިތް މަރާމާތު ކުރި އެވެ. މިހާރުގެ ހުކުރު މިސްކިތް ބިނާ ކުރީ ސުލްތާން އިބްރާހިމް އިސްކަންދަރު އެއްވަނައިގެ ރަސްކަމުގަ އެވެ.
މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮލިޓީ އުވަ ނުލިބުން ކަމަށް ހީނާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ