އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށް 30 މެގަވޮޓުގެ ކަރަންޓުގެ ކެޕޭސިޓީ ގާއިމްކުރަން ވަނީ ނިންމާފަ: ރައީސް

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 30 މެގަވޮޓުގެ ކަރަންޓުގެ ކެޕޭސިޓީ ގާއިމްކުރުމަށް ނިންމާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސްވަނީ އެސިޓީގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ އެސިޓީގައި ކުރިއަށްގެންދަން ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއުތަކަށްވެސް ފައިސާ ހަމަޖެހިފައިވާކަމަށެވެ.
އަމިއްލަ ކުންފުނިތަކާވެސް އެކި މަޝްރޫއުތައް ހަވާލުކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކުންފުނިތަކާ މަޝްރޫއުތައް ހަވާލުކުރަނީ ގިނަ އިޖުރާއަތްތަކާ އެކުގައިކަމަށެވެ. ރައީސް ވަނީ މިހާރު ހަވާލުކުރި މަޝްރޫއުތަކުގެ އިތުރަށް އަމަލީގޮތުން ފެށި މަސައްކަތްތައްވެސް ފަށާފައިވަނީ އެކަމަށް ތައްޔާރުވެގެންކަމަށް ވިދާޅުވެ އެ ހުރިހާ މަޝްރޫއުތައް ނިންމައިދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމަށްވާ ކަރަންޓުގެ މައްސަލައަށް އަލިއަލުއްވާލައްވަމުން ރައީސް ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެކި ފަހަރުމަތިން މަސައްކަތްކުރެއްވިކަމަށާއި މިހާތަނަށްވެސް 8 ޖެންސެޓް ފޮނުވައިގެންވެސް އެކަމަށް ހަލެއް ލިބިފައި ނުވާ ކަމަށެވެ. ރައީސް ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގެ ގޮތުން ބޮޑު މަޝްރޫއުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން 30 މެގަވޮޓުގެ ކަރަންޓު ކެޕޭސިޓީ ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެކަމަށް އިދާރީ މަސައްކަތް ފައްޓަވާފައިވާކަމަށާއި ކުރިއަތް އޮތް މަދު ދުވަސްކޮޅެއްހެ ތެރޭގައި އެކަމުގެ މަސައްކަތް ކުރުމަށް ހަވާލުކުރައްވާނެ ކަމަށެވެ. އަދި ޖަނަރޭޓަރުތަކާއި އިންޖީނުގެ އަޕްގްރޭޑްކުރުމުގެ އިތުރއަށް މިހާރު ހުރި ކެޕޭސިޓީގެ ތެރެއިން ރަނގަޅުކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”30 މެގަވޮޓަށްވާ ވަރުގެ ކަރަންޓުގެ ކެޕޭސިޓީ ގާއިމްކުރުމަކީ ސަރުކާރުން ކުރާނެކަމެއް. މަގުތަކުގެ މައްސަލަ ހައްލުކުރުމަށް މި މަސައްކަތް މިވަނީ ފަށާފައި. މިއީ އިގްތިސާދީ މަސައްކަތްކުރުމަށްވެސް އެޅިފައިވާ ހުރަހެއް. މަގުތައް ހެދުން ވެގެންދާނީ އިންވެސްޓްކުރާ ފަރާތްތަކާށާއި ކޮންމެ ދުވަހަކުވެސް މަގުތައް ބޭނުންވާ ފަރާތްތަކަށް މުހިއްމުކަމަކަށް. އިތުރު ފޭސްތަކަށް ބަހާލުމެއްނެތި މަގުތައް ހަދާނެ. ހުއްޓުމެއްނެތި އެ މަސައްކަތް ކުރިއަށް ދާނެ“
ރައީސް ވިދާޅުވީ ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން އައްޑު އަތޮޅު ހިމެނޭހެން ދެކުނުގެ 4 އަތޮޅު އެއްކޮށް އިންޓަގްރޭޓް ކޮށްގެން ޑިވެލޮޮޕްމަންޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރައްވާނެކަމަށެވެ. އަދި ހަމަ އެގޮތަށް އުތުރާއި މެދުތެރެއިންވެސް ތަރައްގީކުރައްވާނެކަމަށާއި އެންމެ މަތީ ފަންތީގެ ތައުލީމީ ސިއްހީ ވަޒީފާ އަދި ބޯހިޔާވަހިކަން ގާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ