މި ދައުރު ތެރޭ ޅ. ނައިފަރުގައި 800 ހައުސިން ޔުނިޓު އަޅާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ޅ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިރޭ ނައިފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ މިރޭ ސޮއިކުރި މަޝްރޫއުތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ނަތީޖާ ދައްކަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ތަފްސީލް - ރިޔާސީ އިންތިހާބުގައި 400 ހައުސިން ޔުނިޓު ނައިފަރުގައި އަޅާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި މިރޭ އެޗްޑީސީއާ ހަވާލުކުރި 300 ހައުސިން ޔުނިޓުގެ އިތުރުން ވެސް، އިތުރު 100 ހައުސިން ޔުނިޓުގެ މަސައްކަތް މި ދައުރު ތެރޭ ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި 400 ހައުސިން ޔުނިޓުގެ މަސައްކަތުގެ އިތުރަށް އަންނަ އަހަރު ދޫކޮށް 2027 ވަނަ އަހަރުގެ ތެރޭ އިތުރު 400 ހައުސިން ޔުނިޓުގެ މަސައްކަތް މި ރަށުގައި ފަށާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ވަނީ ނައިފަރު މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފަށައިފަ އެވެ. މަގުތަކުގެ ހާލަތު ދަށް ނައިފަރުގެ މަގު ހެދުމުގެ މަޝްރޫއު އެއް ފިޔަވަހިން ނިންމާނެކަމުގެ ޔަގީންކަން މިރޭ ރައީސް ވަނީ ދެއްވައިފަ އެވެ.
"މަގު ހަދާނީ ބައި ބަޔަށް، ފޭސް ފޭސްއަށް ބަހައިގެންނެއް ނޫން. މި ރަށުގައި އޮންނާނީ މަގު ހެދުމުގެ އެންމެ ފޭސްއެއް. އެ ފޭސް ނިމޭއިރު ހުރިހާ މަގެއް ހަދާ ނިމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އެއް ފޭސް އިން ހުރިހާ މަގެއް ހަދާ މަޝްރޫއެއް މިއަދު މި ރަށުގައި މި ފެށުނީ."
ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ނައިފަރުގެ ބިމަށް އިތުރު 45 ހެކްޓަރުގެ ބިން އިތުރުކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު މާދަމާ ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނައިފަރު އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން އިއުލާނުކޮށްފައިވާއިރު، ރަށުގައި 7،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ރަށާއި ރާއްޖޭގެ ތަރައްގީއަށް ވެސް މުހިއްމު މަސައްކަތެއް ކަމަށެވެ.
ނައިފަރުގައި ކުރިއަށް ގެންދަން ސޮއިކުރި އިތުރު މަޝްރޫއުތައް:
ބަނދަރު އަޕްގްރޭޑު ކުރުމާއި އާ ބަނދަރެއް ތަރައްގީ ކުރުން
ކުނި މެނޭޖު ކުރުން
ސްލިޕްވޭއެއް ގާއިމް ކުރުން
ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމް ކުރުން
ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކުރުން
300 ހައުސިން ޔުނިޓު އެޅުން
ރައީސް މިރޭ ވިދާޅުވީ ނައިފަރުގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ބަޔަކާ ހަވާލުކޮށް، މި އަހަރު ތެރޭ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން، އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހަކާއި ދަނާލެއްގެ މަސައްކަތް ވެސް މި އަހަރު އެ ރަށުގައި ފަށާނެ ކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.
"އެހެންވީމާ މި ތައުލީމީ ރަށަށް، ރާއްޖޭގެ ތާރީހުގައި ތައުލީމީ ހަޔާތުގައި ތައުލީމީ ދާއިރާ އިން އެންމެ ވިދާ އެއް ރަށް މި ރަށަކީ. ރާއްޖޭގެ ތައުލީމީ ހަޔާތުގެ އެންމެ މުހިއްމު ދައުރު އަދާކުރާ އެއް ރަށް މި ރަށަކީ،" ރައީސް ވިދާޅުވި އެވެ.
"މިފަދަ މުހިއްމު ރަށެއްގައި އެތައް ދަރިންނެއް، އެތައް ފަރާތްތަކެއް ރާއްޖޭގެ ތައުލީމީ ހަޔާތުގައި އުފައްދާފައިވާ، އުފައްދަމުންދާ ރަށެއްގައި މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކެއް ގާއިމްވެފައި ހުރުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިއްމު ކަމެއް."
ރައީސް ވަނީ ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމާއި ހުރިހާ ލެބެއް ހިމެނޭ އިމާރާތެއްގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުުރުން:
ނައިފަރަށް ސްޕީޗު ތެރަޕިސްޓެއް ހަމަޖައްސާނެ
ހޮސްޕިޓަލް އަޕްގްރޭޑު ކުރުމަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ ސްކޯޕް އިތުރުކޮށް، 50 އެނދުގެ ހޮސްޕިޓަލަކަށް ތަރައްގީކުރާނެ
އަޕްގްރޭޑިންގެ މަސައްކަތް ނުނިމެނީސް ސީޓީ ސްކޭންގެ ހިދުމަތް ވެސް ދޭން ފަށާނެ
މި ދައުރު ތެރޭ ނައިފަރުގައި 800 ހައުސިން ޔުނިޓު އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ