ފުއްގިރި މައްސަލަ: ހެއްކާ ގުޅޭ އިސްތިއުނާފު ސްޕްރީމް ކޯޓުން ވެސް ޔާމީނަށް ކާމިޔާބެއް ނުވި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެމަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް އެމަނިކުފާނަށް މިރޭ ނާކާމިޔާބުވެއްޖެ އެވެ.ފުއްގިރި މައްސަލައިގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ހުށަހެޅުންތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. ހައިކޯޓުން މައްސަލަ ކާމިޔާބު ނުވުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ.ސުޕްރީމް ކޯޓުގައި ވެސް ޔާމީން އެދިވަޑައިގެންފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަތުމަށެވެ. އަދި އަނެއް ކަމަކަށް ހުށަހަޅާފައި ވަނީ، މި ދެ ހެކިން ނުލާ ދެން ހުށަހަޅާފައިވާ ހެކިތަކާ މި މައްސަލައާ ގުޅުން އޮތްތޯ ބެލުމަށް ހުށަހަޅާފައިވާ ނުކުތާއެކެވެ. އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަނެވޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ. ފަނޑިޔާރު ހުސްނުއްސުއޫދު މިރޭ ހުކުމް އިއްވަމުން ވިދާޅުވެފައި ވަނީ ކްރިމިނަލް ކޯޓުގައި މައްސަލައިގެ ހެކިބަސް ނަގަން ފަށާފައި ނުވާތީ ޝަރީއަތުގެ މަރުހަލާގައި ހެކިތަކުގެ އިތުބާރާއި އަދުލުވެރިކަމާއި އަދި އިންސާފުވެރިކަމާއިމެދު ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގައި އޮތް މައްސަލައިގައި އަލުން ޝަރީއަތުގެ މަރުހަލާއަށް ދާން ނުޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަރުހަލާ ފެށިފައިވާތީ އާއި އަދި އެ ހެކިތައް ބަލައިގަތަސް، ޝަރީއަތުގެ މަރުހަލާގައި އެ ހެކިތައް މައްސަލައާ ގުޅޭތޯ ނުވަތަ ނޫންކަމާ މެދު ބަހުސްކޮށް، ގޮތް ނިންމުމުގެ ފުރުސަތު އޮތުމުންނެވެ.އެ މައްސަލައާ ލިޔުންތަކެއް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ ހެކިތައް ހާމަކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށް ހުކުމުގައިވެ އެވެ.ޔާމީނާ އެކު އެ މައްސަލާގައި ދައުވާލިބޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ފަރާތުން ވެސް ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.ކްރިކް ރިޒާގެ މައްޗަށް ދައުވާކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ބުނެ ވެސް އޭނާގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.މި ހުށަހެޅުމާ މެދު ސުޕްރީމް ކޯޓުން ނިންމީ ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ތަހުގީގީ އިދާރާތަކުގައި ހުރި ހެކިތަކުގެ ތެރެއިން މައްސަލައާ ގުޅުންހުރި ހެކިތައް ބެލުމުގެ ފުރުސަތު އޭނާއަށް ދޭންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.މި މައްސަލާގައި ހުކުމް ކުރުމަށް މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށް ދާ ޝަރީއަތުގެ މަޖިލީހުގައި، މި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ދާދި ދެންމެއަކު ނިންމެވީ، ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުން ބަދަލުކުރާނެ ތަނެއް ނެތް ކަމަށެވެ.  މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ