ޑްރަގާ އެކު ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކޯޓުން ދޫކޮށްލި 'ނެޓްވޯކު'ގެ އިސް މީހަކު ހިމެނޭ

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު މާލެ އިން ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު މަހު ޑްރަގު ޓްރެފިކިންގެ ދައުވާ ސާބިތުނުވެ، ކްރިމިނަލް ކޯޓުން މިނިވަންވި ނެޓްވޯކުުގެ އިސް މީހަކު ހިމެނޭކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
އެނގުން މުހިންމު - ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑީޕާޓްމަންޓް (ޑީއީޑީ) އިން މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ބުރުޒު މަގުން ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. މިހާތަނަށް ފުލުހުން އެ އޮޕަރޭޝަނާ ގުޅޭ މާ ބޮޑު މައުލޫމާތެއް ނުދެ އެވެ.
ތަފްސީލު - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި:
މިދިޔަ ސެޕްޓެމްބަރު 28ގައި ކްރިމިނަލް ކޯޓުން ދައުވާ ސާބިތު ނުވެގެން ސަމަލާމަތްވި، ފުލުހުން ތުހުމަތުކުރި ނެޓްވޯކުގައި ހިމެނޭ ހަ މީހުންގެ ތެރެއިން އެކަކު ހިމެނޭ
މަސްތުވާތަކެއްޗާއި ވައްކަމުގެ ރެކޯޑު އޮންނަ އެ މީހާ އަކީ މި ނެޓްވޯކުގެ އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރޭ
އެނގިފައިވާ ގޮތުގައި، ރޭގެ އޮޕަރޭޝަންގައި ފުލުހުން ވަނީ 30 އެއްހާ ކިލޯގެ މަސްތުވާތަކެތި ހޯދާފަ އެވެ. ނަމަވެސް، މިހާތަނަށް ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
ފަސްމަންޒަރު - އެ ނެޓްވޯކުގައި ހިމެނޭ މީހުން ދޫވި މައްސަލަ ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. މިދިޔަ އަހަރު ޖެނުއަރީގައި މާލޭގައި ފުލުހުން ހިންގި އެ އޮޕަރޭޝަންގައި:
10 ގެއެއް ބަލައި ފާސްކުރި 
ނުވަ މީހަކު ހައްޔަރުކުރި 
ނުވަ ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓި 
ފުލުހުން ކޯޓުގައި ބުނި ގޮތުގައި، އެއީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރަމުން ދިޔަ ބޮޑު ނެޓްވޯކެއް
އެ މައްސަލައިގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ދައުވާ ސާބިތުވީ ދެ މީހަކަށެވެ. ރޭ ހައްޔަރުކުރި މީހާ އާއި އެ ނެޓްވޯކުގެ އިސް މީހުން ކަމަށް ފުލުހުން ތުހުމަތު ކުރާ މީހުންނާ އެކު ހަ މީހެއްގެ މައްޗަށް ދައުވާ ސާބިތު ނުވެ، މިނިވަންވި އެވެ. ހުކުމްގައި ބުނީ، އެ މީހުންގެ މައްޗަށް ދައުވާ ސާބިތު ނުވީ، ގާނޫނާ އެއްގޮތަށް ހެކި ހޯދާފައި ނުވުމާއި ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އިތުރަށް ކިޔާލަން -
ޑްރަގުގެ ބޮޑުން ދޫވުން: ނިޒާމީ ބޮޑު ރޭވުންގަނޑެއްބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ