ޑެންގީ ހުން ކޮންޓްރޯލް ނުކުރެވޭ ދަރަޖައަކަށް ނުދާ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.
ޑެންގީ ހުން ވަރަށް ބާރަށް ފެތުރި ތިން މީހަކު މަރުވެފައިވާތީ އެކަމާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެސްގައި އިރުތިޝާމް ވިދާޅުވީ 2011 ވަނަ އަހަރު ރާއްޖޭގައި ޑެންގީ ފެތުރި ގައުމީ ބޮޑު މައްސަލައަކަށް ވީ ވަރަށް އަދި ޑެންގީގެ ހާލަތު އަދި ނުދާ ކަމަށެވެ. އަދި އެ ހިސާބަށް އެ ބަލީގެ ހާލަތު ނުދަނިސް އެ ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަން ފެށީ ކަމަށް ވެސް އިރުތިޝާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ސްޓޭޖްގައި ފިޔަވަޅުތައް އަޅަން ފެށުމުން ޑެންގީ ހުން ކޮންޓްރޯލް ކުރެވޭނެ އެވެ.
"މިކަން އަދި ކޮންޓްރޯލް ކުރެވޭ ހިސާބެއްގައި މި އޮތީ. އެކަން ބޮޑު އައުޓްބްރޭކަކަށް ދިޔުމުގެ ކުރިން މިކަމަށް ސަރުކާރުން ފިޔަވަޅު އަޅަން މި ފެށީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް ޓަކައި ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައި އެކަމާ ގުޅިގެން މިހާރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި ސެނަހިޔާ އިންނާއި ޕޮލިސް ކްލިނިކް އަދި މާލޭގެ ސިއްހީ މަރުކަޒު، ދަމަނަވެށިން ވެސް ޑޮކްޓަރަށް ދެއްކޭނެ ފަސޭހަ އިންތިޒާމްތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރަށް ޑެންގީ ފެތުރޭ މިންވަރުގެ ތަފާސްހިސާބުތައް ދުވަހުން ދުވަހަށް ބަލައި އެކަން ހުއްޓުވަން ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެންމެން އެކުގައި މަސައްކަތް ކޮށްގެން ބޮޑު ގައުމީ މައްސަލައަކަށް މިކަން ވުމުގެ ކުރިން ހުއްޓުވޭނެ. ސަރުކާރުން މި ވަނީ މިކަމުގއި ދުރާލައި ފިޔަވަޅު އަޅަން ފަށާފައި. އެންމެން ގުޅިގެން ފިޔަވަޅުތައް އަޅަން ފެށުމާ އެކު މި ބަލި އިތުރަށް ނުފެތުރި ހުއްޓުވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑެންގީ ހުމާ ގުޅޭ ގޮތުން މައްސަލަތައް ރިޕޯޓް ކުރުމަށް ހޮޓްލައިނެއް ވަނީ ގާއިމްކޮށްފަ އެވެ. ހޮޓްލައިނަކީ: 7548221 އެވެ.
ކޮންޓްރޯލް ނުވާ ދަރަޖައަށް ޑެންގީ އަދިއެއް ނުފެތުރޭ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ