އެންމެންވެސް އުފާވެރިކަން ބޭނުންވެއެވެ. އަނބިދަރިންގެ ކިބައިންވެސްމެއެވެ. އަދި ޤިޔާމަތް ދުވަހު ސުވަރުގެ ވަންނަންވެސް ބޭނުންވެއެވެ. އެކަމަކު އުޅެވެނީ އެކަންކަން ޙާޞިލުކުރެވޭނެ ގޮތަކަށް ހެއްޔެވެ؟ ފުރަތަމަ ޖަވާބުދޭންވީ މިސުވާލަށް ނޫން ހެއްޔެވެ؟
އަނބިދަރިންނަށާއި ޢާއިލާއަށް އަދި ދިރިއުޅެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް އަދި ކުރަންޖެހޭ އަޅުކަންކުރަންވެސް ވަގުތު ނުދެވެނީ ވަގުތުނުވާތީކަމަށް ގިނަބައަކު ބުނެއެވެ. މިފަދައިން ބުނާ މީހުން އެންމެ ފަހަރަކުވެސް އެމީހުންގެ ވަގުތުތައް ހޭދަކުރާގޮތުގެ ތާވަލަށް ބަލައިލާބާވައެވެ!
މިބުނިފަދައިން ވަގުތުނުވަނީކަމަށް ބުނާ މީހުން ގަނޑެއްގައި އެމީހުން އެމީހުން އެދުވަހުގެ ވަގުތުތައް ހޭދަކުރި ގޮތުގެ ތާވަލެއް ލިޔެބަލާށެވެ! ގިނަފަހަރަށް އެންމެ ގިނަ މީހުންނަށް އެންމެ ގިނަ ވަގުތު ދެވިފައި އޮންނާނީ އެމީހާއަށް އެއްވެސް ފައިދާއެއް ނުކުރާނެ، އެމީހަކާއި އެއްވެސް ގުޅުމެއް ނެތް ބޭކާރު ކަންކަމުގައި ވާހަކަދެއްކުމަށެވެ. ބައްދަލުކުރަން ނުޖެހޭ މީހުންނާއި ބައްދަލުކުރުމަށެވެ.
ފުރަތަމަކަމަކަށް ބައްދަލުކުރަން ނުޖެހޭ މީހުންނާއި ބައްދަލުކުރުން ހުއްޓައިލާށެވެ! އެއިރުންވެސް ބޭކާރު ވާހަކަތައް ދެކެވުން މަދުވާނެއެވެ. އަދި ބައްދަލުކުރަންޖެހޭ މީހަކާއި ބައްދަލުކުރިނަމަވެސް ބޭކާރުވާހަކަތައް ދެއްކުން ހުއްޓައިލާށެވެ! މިބުނި ދެކަންތަކުން އެކަނިވެސް ނުކުރެވިހުރި ކަންކަން ކުރާނެ ވަގުތު ލިބޭނެއެވެ.
ކޮންމެހެން ބައްދަލުކުރަންޖެހޭ މީހަކާއި ބައްދަލުކުރަން ކޮފީއަކަށް ނުވަތަ ކެއުމަކަށްދިއަނަމަވެސް އެކަމުގައި ހޭދަކުރާނެ ވަގުތު ކަނޑައަޅައިގެން ގޮސް އެވަގުތަށް އެބައްދަލުވުން ނިންމަން މަސައްކަތްކުރާށެވެ!
ދިރިއުޅެން ކުރަންޖެހޭ މަސައްކަތްގިނަވެގެން ކަންބޮޑުވުމާއި ޝަކުވާކުރުން ހުއްޓާލާށެވެ! އެކަންކަން ކުރާނެ ވަގުތު ކޮންމެގޮތަކުން ނަމަވެސް ހޯދާށެވެ! ދިރިއުޅުމަށް ކުރިއެރުން ލިބޭނީ އެއިރުންނެވެ. ހަމަ އެއާއިއެކު ޢާއިލާއާއިއެކު ވަގުތު ހޭދަކުރަން މަސައްކަތްކުރާށެވެ. ޢާއިލީ ގުޅުންބަދަހިވެ ދަރިން ތަރުބިއްޔަތުކުރެވޭނީވެސް ޢާއިލާ އާއިއެކު ވަގުތުހޭދަކުރިވަރަކުންނެވެ!
ކުރަންޖެހޭ އަޅުކަމަށް ބެލިނަމަވެސް އަދި ޢާއިލީ ދިރިއުޅުމަށް ބެލިނަމަވެސް އަދި އެމީހަކީ އަދި ޢާއިލާއެއް ނެތް މީހަކުނަމަވެސް ވަގުތަކީ އެންމެ އަގުބޮޑު ރައުސުލްމާލެވެ! ބޭކާރުގޮތުގައި އިސްރާފް ނުކުރާށެވެ! ދުނިޔޭގެ ދިރިއުޅުންވެސް އަދި އާޚިރަތްވެސް ކާމިޔާބުކުރެވުން ވަނީ ވަގުތުގެ އެންމެ ފައިދާހުރިގޮތުގައި ހިފިވަރަކުންނެވެ!
- މުފްތީ މެންކުގެ ދަރުސަކުން
ގިނަ ބައަކަށް އަނބިދަރީންގެ ކިބައިން އުފާވެރިކަން ނުލިބެނީވެސް އަދި އާޚިރަތް ނުލިބޭނީވެސް ތިމާއަށް ފައިދާ ނުކުރާނެ މީހުންނާއެކުގަ ވަޤުތު ހޭދަކުރެވޭތީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ