ގދ. ގަޒީރާ މައްސަލައިގެ ވަގުތީ އަމުރު ނެރުމުގައި ސިވިލް ކޯޓުން ނިންމި ނިންމުމުގައި މިހާތަނަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި އެއްވެސް ޝަރުއީ ކޯޓަކުން ކޮށްފައިނުވާ ޝަރުތަކަށް އަމަލު ކޮށްފައިވާ ކަމަށް ވިލާ ގުރޫޕުގެ ގަޒީރާ ޕްރައިވެޓް ލިމިޓެޑްގެ ވަކީލު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ ކުންފުންޏާއެކު ހަދާފައިވާ ގދ. ގަޒީރާގެ އެއްބަސްވުން ބާތިލް ކުރުމާއި ގުޅިގެން އެނިންމުމަކީ ބާތިލް ނިންމުމެއްކަން ކަނޑައަޅައިދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީއާއި ދެކޮޅަށް ގަޒީރާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރު ނެރެދެވެނެ ނެތް ކަމަށް އެކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ގަޒީރާގެ ވަކީލު ވިދާޅުވީ ވަގުތީ އަމުރު ނެރުމުގައި އަމަލު ކުރަމުން އަންނަ އުސޫލު ބަޔާންކޮށްފައިވަނީ ސްޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަމަށެވެ.
އަދި އެ ގަޒިއްޔާގައި ވަގުތީ އަމުރު ނެރެމުގައި ބަލަން ޖެހޭ ތިން ޝަރުތެއް ބަޔާންކޮށްފައިވާ ކަމަށާއި، އެތިން ޝަރުތުވެސް ހުންނަން ޖެހެނީ ވަގުތީ އަމުރަށް އެދޭފަރާތުގައި ކަމަށެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައި ވަގުތީ އަމުރު ރައްދުވާ ފަރާތުގެ ޝަރުތަކަށް ބަލާފައިވާ ކަމަށާއި، ދަށުކޯޓަކުން މަތީކޯޓުގެ ނިންމުންތަކަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ވަކީލު ފާހަގަ ކުރެއްވި އެވެ. މިއަދުގެ އަޑުއެހުމުގައި ގަޒީރާގެ ވަކީލުން ވަނީ މައިގަނޑު ފަސް ނުކުތާއެއް ފާހަގަކޮށްފަ އެވެ.
ސިވިލްކޯޓުން ނިންމި ނިންމުމުގައި އަމުރު ނެރެދިނުމުގެ ސަބަބުން މައްސަލަ ރައްދުވާ ފަރާތަށް ލިބޭ ގެއްލުމަށް ރިއާޔަތްކޮށްފައިވާ ކަމީ މިހާތަނަށް ހައިކޯޓުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ގަޒިއްޔާތަކާއި، ސުޕުރީމް ކޯޓުގެ ގަޒިއްޔާއާވެސް ހިލާފު ނިންމުމެއް ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި މި މައްސަލަ ނިންމުމުގައި ސިވިލްކޯޓުން މަތީ ކޯޓުތަކުގެ ގަޒިއްޔާތަކަށާއި، ފަނޑިޔާރުންގެ ގާނޫނަށް ރިޔާއަތްކޮށްފައިނުވާ ކަން ގަޒީރާގެ ވަކީލު ވަނީ ފާހަގަކޮށްފަ އެވެ. އަދި ސިވިލްކޯޓުގެ ނިންމުމުގައި އެއަމުރު ނެރެދީފިނަމަ ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ދާނެ ކަމަށް ބަޔާންކޮށްފައި އޮތް ކަމުގައިވީނަމަވެސް، އެ އަމުރު ނުނެރެދިނުމުގެ ސަބަބުން ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ގޮސްފައިވާ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ ސިވިލްކޯޓުގެ ނިންމުމުގައި ދައުލަތަށް ކުލީގެ ގޮތުގައި ފައިސާ ލިބެންޖެހި އެ ފައިސާ ނުލިބުމުގެ ސަބަބުން ދައުލަތަށް ގެއްލުންވާކަން ބަޔާންކޮށްފައި އޮތުމަކީ ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެން ގޮސްފައިވާ ކަން އެނގެން އޮންނަ ކަމެއް ކަމަށެވެ. އެހެން ކަމުން މި ނިންމުމަކީ ފަނޑިޔާރުންގެ ގާނުނުގައި ބުނާ ވަގުތީ އަމުރު ނެރުމުގައި ދައުވާގެ އަސްލު މައުޟޫއަށް ގޮތެއް ކަނޑައެޅިގެންދާނެ ފަދަ ގޮތަކަށް މައްސަލަތަށް ނުނިންމުމަށް އޮންނަ މާއްދާއާއި ހިލާފު ނިންމުމެއް ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.
ގަޒީރާގެ ވަކީލް ހައިކޯޓުގައި އެދިފައިވަނީ ސިވިލް ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއްކަން ކަނޑައަޅައި، އެ މައްސަލައިގެ ވަގުތީ އަމުރު ނެރެދިނުމަށެވެ.
މިމައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ދައުވާ އަށް ޖަވާބު ދިނުމެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އޮންނަ އަޑުއެހުމަކީ މައްސަލައިގެ ފަހު އަޑުއެހުން ކަމަށެވެ. އަދި އެކަމަށް ތައްޔާރުވެގެން އައުމަށް ދެފަރާތުގެ ވަކީލުންނަށް ވެސް ފަނޑިޔާރުން ވަނީ ދަންނަވާފަ އެވެ.
ސިވިލް ކޯޓުން ވަނީ މިހާތަނަށް އެއްވެސް ކޯޓަކުން ނުކުރާ ޝަރުތެއް ކޮށްފައި: ވިލާގެ ވަކީލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ