ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗައް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ވެސް އުމަރު ހާޒިރުވެވަޑައިނުގަންނަވާތީ ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރު 11 ޖަހާއިރަށް ތާވަލުކޮށްފައިވާ އަޑުއެހުމަށް ހާޒިރުނުވެއްޖެ ނަމަ އުމަރާއި މެދު ގަވާއިދުން ފިޔަވަޅު އަޅުއްވާނެ ކަމަށްކްރިމިނަލް ކޯޓުގެ ގާޒީ އަބުދުﷲ މުހަންމަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އުމަރާއި މެދު ފިޔަވަޅު އަޅާފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
އުމަރު ހާޒިރުވެވަޑައިނުގަންނަވާތީ މިއަދު އޮތް އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، އުމަރު ހުންނެވީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައެވެ.އުމަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.
ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެންމެ ފަހުން ތާވަލު ކުރި ދެ އަޑުއެހުންވެސް ކެންސަލް ކުރެވިފައިވާއިރު މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ހާޒިރުވެވަޑައިނުގެންނެވުމުން ކޯޓުންވަނީ އުމަރު ކޯޓަށް އެއްބާރުލުން ނުދެއްވާ ކަމަށް ބުނެފައެވެ.
ދައުލަތުން އުމަރުގެ މައްޗަށް އެ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި، ސިފައިންގެ މަރުކަޒަށް ހަރުގަނޑު ބަހައްޓައިގެން ވަނުމަށް ގޮވާލި ކަމަށް ބުނާ މައްސަލައިގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ރައީސް ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އުމަރު ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ. އަދި ފުލުހުން އުމަރު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދަން މަސައްކަތްކުރި ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ވަނީ އެފަދަ އަމުރެއް ދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭ ބަންދު ކުރުމެވެ.
އުމަރު ހާޒިރުވެ ވަޑައިނުގެންނެވުމުން މިއަދުގެ އަޑުއެހުން ވެސް ކެންސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ