ސަރުކާރު މުވައްޒަފުން މަދުކޮށްފިނަމަ އިޤްތިޞާދު އިތުރަށް ގޯސް ވާނެ - އަމީރު

ކޮވިޑް-19 އާއި ގުޅިގެން، ސަރުކާރުގެ އިޤްތިޞާދަށް ކުރިމަތި ވެފައިވާ ގޮންޖެހުން ބޮޑު ކަމުގައި ވީ ނަމަވެސް، މި ވަގުތު ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުން މަދުކޮށްފިނަމަ، އިޤްތިޞާދު އިތުރަށް ގޯސްވެގެންދާނެ ކަމަށް، ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މާލީގޮތުން ދަޢުލަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން، މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، ސަރުކާރުން ހަމައެކަނި އިސްކަން ދެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް އެކަނި ނޫން ކަމަށާއި، އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް، ވަޒީފާ ގެއްލޭ ޙާލަތުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، މުޖުތަމަޢުގައި މި ބަލި ފެތުރެން ފެށުމާއި އެކު، ކުރިން އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ޚަރަދުތައް ހިނގާނެ ކަމަށާއި، އަދި ހާލަތު ބަދަލުވެގެންދާ ގޮތަކުން މި އަދަދު ބޮޑުވުންވެސް އެކަށީގެންވާ ކަމަށެވެ.
"ކޮމިއުނިޓީ ސްޕްރެޑް ފެނުމާއި އެކު، ޚަރަދުވެސް ވަނީ ބޮޑުވެފަ. މިހާރު ކޮވިޑް-19 އާއި ގުޅިގެން އަޅުގަނޑުމެން މިހާރު އަންދާޒާ މި ކުރަނީ، ކުރިން ކޮމިއުނިޓީ ސްޕްރެޑެއް ނެތް އިރު، ކުރެވުނު އަންދާޒާތަކާއި ޚިލާފަށް މިހާރު އަޅުގަނޑުމެން އަންދާޒާ މި ކުރަނީ 1.6 ބިލިއަން ރުފިޔާގެ ޚަރަދު ހިނގާނެ ކަމަށް. އަދި ހާލަތު ދިގުދެމިގެންދާ ގޮތަކުން މި މިންވަރު އިތުރުވާނެ ކަމަށްވެސް އަޅުގަނޑުމެން އަންދާޒާ ކުރަން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ރާއްޖެއިން މިއަދުވެސް މި ވަނީ އިތުރު 6 މީހަކު ކޮވިޑް-19 އަށް ފައްސި ވެފައެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ