ގާސިމް މަރާލެވުނު ކުށަށްފަހު އަޅުގަނޑު ތަޢުބާ ވިން - ޤާތިލް

ޢުމުރުން 59 އަހަރުގެ ގާސިމް ޙަސަން، ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޚަބަރު ވެގެން ދިޔައީ، މުޅި ޤައުމު ސިއްސުވާލި ޚަބަރަކަށެވެ. މި މައްސަލައިގެ ތަޙުޤީޤުގައި ފުލުހުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެކަން ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އިބްތިދާޢީ އަޑުއެހުމުގައި ވަރަށް ބޮޑަށް ސާފުވެފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި ހިންގި މި ޖަރީމާ އާއި ގުޅިގެން، މީހަކު ހައްޔަރުކޮށްފައިވަނީ، އޭގެ 15 ދުވަސް ފަހުން، މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލައާއި ގުޅިގެން، ހައްޔަރުކުރި، ޅ.ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް މުޙައްމަދުގެ އަމިއްލަ އިޢުތިރާފާއި އެކު، އެ މައްސަލައިގެ ތަޙުޤީޤު އަވަސްކޮށް، މިއަދު މި ވަނީ، އިބްތިދާޢީ، އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައެވެ.
ޤާނޫނު ނަމްބަރ 17/2010 (ބިރު ދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ކޮށްފައިވާ މި ދަޢުވާ، އަދުހަމަށް މިއަދު ވަނީ ސާފުކޮށްދީފައެވެ. ދަޢުލަތުން، ދަޢުވާ އިއްވަމުން ދިޔައިރު، އަދުހަމްގެ ފަރާތުންވެސް ފެނިގެން ދިޔައީ، މާޔޫސްކަމާއި، ނުތަނަވަސް ކަމެވެ. ފެހި ކުލައިގެން ގޮޅިޖެހި، އަތްދިގު ގަމީހަކާއި، މަޑު ނޫކުލައިގެން ޖިންސެއް ލައިގެން އިން އަދުހަމް އިނީ، އިސްދަށަށް ޖަހައިގެންނެވެ. މިއަދުގެ އަޑުއެހުމަށް، ވަތް، ގާސިމްގެ އާއިލާގެ 4 މެމްބަރުންގެ މޫނު މަތިންވެސް، ހިތާމަޔާއި ހިތްދަތިިކަމުގެ އަސަރު ފެންނަން ހުއްޓެވެ.
"އިއްޒަތްތެރި ޤާޟީ. ދަޢުވާ އަޅުގަނޑަށް ވަރަށް ސާފު" މިއީ ދަޢުވާ އަށް ޖަވާބުދާރީ ވާން ޝަރީޢަތުން ދިން ފުރުޞަތުގައި އެންމެ ފުރަތަމަވެސް އަދުހަމް ބުނި ވާހަކައެވެ.
"މި ދަޢުވާގަ އަޅުގަނޑަށް ސާފުނުވާ އެއްވެސް ކަމެއް ނެތް. ދަޢުވާގައި އެވަނީ ކަން ހިނގާދިޔަ ގޮތް. އެއީ އަޅުގަނޑު ކުރި ކަމެއް. އަޅުގަނޑު ބޭނުން ވަނީ ތަޢުބާވާން. އަޅުގަނޑު ދުޢާވެސް ކުރިން. ތަޢުބާ ވުމަށް ނަމާދުވެސް ކުރިން. އަޅުގަނޑު ދެން އެންމެ ބޭނުންވަނީ ގާސިމްގެ އާއިލާގެ ފަރާތުން މަޢާފް ލިބުން." ވަރަށް އަސަރާއި އެކު އަދުހަމް ބުންޏެވެ.
ކުށެއް މީހެއްގެ މައްޗަށް ސާބިތު ކުރުމަށް ބާރު ލިބޭ އެންމެ ބޮޑު ހެއްކަކީ އެމީހަކު ޝަރީޢަތުގައި ވާ އިޢުތިރާފެވެ. ގާސިމް ހަސަންގެ މަރުގެ މައްސަލައިގެ ތަޙުޤީޤުގެ ހަމައިން ފެށިގެން ، އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އިޢުތިރާފު ވެފައެވެ. އަދި އެކަމާއި ގުޅޭ އެއްބަސް ވުމެއްވެސް ދައުލަތާއި އެކު އޭނާ ވަނީ ހަދާފައެވެ. ނަމަވެސް، ޝަރީޢަތަށް ޤަބޫލުކުރެވޭނެ އިޢުތިރާފަކީ، ޝަރީޢަތުގެ ކުރިމަތީގައިވާ އިޢުތިރާފު ކަމަށް، ކަމާއި ގުޅޭ ޤާނޫނު ތަކުގައި ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން، ދަޢުވާ އާއި ގުޅިގެން، މިއަދުގެ އަޑުއެހުމުގައި އަދުހަމްވީ އިޢުތިރާފަކީ އެއްވެސް މީހެއްގެ މަޖުބޫރުކަމެއް އޮވެގެން ވާ އިޢުތިރާފެއްތޯ، މި މައްސަލަ ބައްލަވާ ޤާޟީ، އިސްމާޢިލް ރަޝީދު ވަނީ ސުވާލުކުރައްވާފައެވެ.
"އަދުހަމްގެ ތި އިޢުތިރާފަކީ، ރަނގަޅު އިޢުތިރާފެއް ތޯ. އެއްވެސް މީހެއްގެ މަޖުބޫރުކަމެއް ވޭތޯ. އަދި މި މައްސަލައާއި ގުޅިގެން އަދުހަމްގެ މައްޗަށް އަންނާނެ އަދަބު އެނގިހުރެތޯ ތިޔަ އިޢުތިރާފު ވަނީ." ޤާޟީ ތަކުރާރުކޮށް މި ސުވާލު އަދުހަމާއި ކުރިއެވެ.
ހަމައެހެންމެ، އަދުހަމް އެ ޢަމަލު ހިންގާފައިވަނީ، މަސްތުގެ ޙާލަތުގައި ހުރެގެން ކަމަށް ބުނެފައިވާތީ، އެ ދުވަހު އަދުހަމް މަސްތުވެފައިވަނީ، މީހެއްގެ ނުފޫޒު އެކަމުގައި އޮވެގެންތޯވެސް ޤާޟީ ވަނީ ސުވާލުކުރައްވާފައެވެ.
"އިއްޒަތްތެރި ޤާޟީ. އަޅުގަނޑު މަސްތުވީ އަމިއްލަ އިޙުތިޔާރުގަ. އަދި ގާސިމް މަރާލި ކަމަށް މި އިޢުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި. އަޅުގަނޑަށް އެނގޭ އަންނާނެ އަދަބުވެސް. 17 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމަކަށް އެއްބަސްވެފަ ވާނީ." އަދުހަމްގެ ޖަވާބު ދިނެވެ.
މި މައްސަލައާއި ގުޅިގެން، މިއަދާއި ހަމައަށް އައިއިރު، ފުލުހުންވެސް ވަނީ ގިނަ މަޢުލޫމާތު ތަކެއް އާއްމުކޮށްފައެވެ. އެގޮތުން، އެ ދުވަހުގެ މެންދުރު ކުރިން ފެށިގެން ހުޅުމާލޭގެ އެކި ހިސާބު ތަކުގައި، ވަޅިއެއް ހިފައިގެން، ފޭރެން، އަދުހަމު އުޅުނު ކަމާއި، އޭގެ ފަހުން، ޓެކްސީއެއްގައި އެއާރޕޯޓަށް ދިޔަ ކަމާއި، ނަމަވެސް އެއާރޕޯޓުގައި ފުލުހުންގެ ހަރަކާތްތައް ހުރި ގޮތުން، މީހެއްގެ އަތުން ފޭރެން ފުރުޞަތު ލިބިފައި ނުވާ ކަމަށާއި، މެދު އުމުރުގެ މީހެއް ދުއްވަން އިންނަން ޓެކްސީއެއް ހޯދުމަށް އަދުހަމް މަސައްކަތް ކޮށްފައިވާ ކަމާއި، އަދި އޭގެ ފަހުން، ޓެކްސީއެއްގައި އަނެއްކާވެސް ހުޅުމާލެ އަށް ދިޔަ ކަން، މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދާފައިވާ މަޢުލޫމާތުތަކުން އެނގެއެވެ.
މި މައްސަލައާއި ގުޅިގެން، ފުލުހުންނަށް އަދުހަމް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ތިލައިގައި ގާތްގަނޑަކަށް 6 އިންޗި ހުންނަ ވަޅިއެއް ހޯދާފައިވަނީ، ހުޅުމާލޭގައި ހިންގަމުންދާ ކެފޭ އަކުން ކަމާއި، އެ ވަޅި ހޯދާފައިވަނީ މަހެއް ކެނޑުމަށް ބުނެ އޮޅުވާލައިގެން ކަމާއި، މީހެއްގެ އަތުން ފޭރިގަނެގެން ފައިސާ ހޯދަން ބޭނުންވަނީ، ގޭކުލިދައްކާނެ ފައިސާ ނެގުމުން ކަމާއި، އެ ދުވަހުގެ ނިޔަލަށް ކުލި ނުދައްކައިފިނަމަ ގެއިން ނެރޭނެ ކަމަށް އަދުހަމް ދިރިއުޅެމުން ދިޔަ ގޭގެ ވެރިފަރާތުން ބުނެފައިވާ ކަމަށްވެސް ފުލުހުންގެ ތަޙުޤީޤަށް އޭނާ ވަނީ ކިޔައިދީފައެވެ.
ގާސިމް ހަސަން ދުއްވަން އިން ކާރަށް އަރައިގެން ގޮސް، މީހުން ނޫޅޭ އަނދިރި ހިސާބަކަށް ގެންގޮސް، ވަޅިން ބިރު ދައްކައިގެން ފޭރެން އުޅުމުން، ވަޅީގެ ތިލައިގައި ގާސިމް ހިފެހެއްޓިކަމާއި، ހަޅޭލަވަން ފެށުމުން، އެކަން ހުއްޓުވުމަށް، އޭނާގެ ކަރަށް އެ ވަޅި ހެރީކަމަށް، އަދުހަމް ވަނީ ބުނެފައެވެ. އޭގެ ފަހުން، އެ ވަޅި އެ ސަރަހައްދާއި ތަންކޮޅެއް ދުރު ހިސާބެއްގައި ފޮރުވި ކަމާއި، އަދި އޭނާ އެވަގުތު ލައިގެން ހުރި ގަމީސްވެސް ބޭލުމަށްފަހު، ގޯންޏެއް ތެރެއަށް ލީ ކަމާއި، އަދި ހުޅުމާލޭގައި އުޅޭ އޭނާގެ ރައްޓެއްސެއް އަތުން އޮރެންޖު ކުލައިގެން ޓީޝާޓެއް ހޯދި ކަމާއި، އެމީހަކު، އަދުހަމް ތިއައީ ކީއްކޮށްގެންހޭ އެހުމުން، މިއައީ، ބަންގާޅީއެއް ގައިގައި ތަޅައިގެންފައި ކަމަށް އަދުހަމް ބުނެފައިވާ ކަމަށް، ފުލުހުންގެ ތަޙުޤީޤަށް އަދުހަމް ދީފައިވާ ބަޔާންތަކުގައި ވަނީ ބުނެފައެވެ.
ގާސިމް ހަސަން މަރާލި ކަމަށް، އަދުހަމް އިޢުތިރާފުވެފައިވީ ނަމަވެސް، އެ އިޢުތިރާފަށް ބާރުލިބޭ ގިނަ ހެކިތަކެއް، މިއަދުގެ އަޑުއެހުމުގައި ދަޢުލަތުން ވަނީ ހުށަހަޅާފައެވެ. އެގޮތުން، ސިއްރު ހެއްކެއްގެ ގޮތުގައި މީހެއްގެ ނަން ހުށަހަޅާފައިވާއިރު، އެ މީހަކީ، ހުޅުމާލެއިން އެއާރޕޯޓަށް ދިއުމަށް އަދުހަމު އެރި ކާރުގެ ޑްރައިވަރު ކަމާއި، އެމީހާގެ ނަން ހުށަހަޅާފައިވަނީ، އަދުހަމް އެ ކާރުގައި ދަތުރު ކޮށްފައިވާ ކަމާއި، ނަމަވެސް ކުރި ދަތުރަށް ފައިސާ ދީފައި ނުވާކަން ސާބިތުކުރުމަށް ކަމަށް ދަޢުލަތުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ހއ.ދިއްދޫ މީހަކާއި، ނޮޅިވަރަންފަރު މީހަކާއި، ރަސްގެތީމު މީހެއްގެ ނަންވެސް ދަޢުލަތުން ވަނީ ހުށަހަޅާފައެވެ. ހަމައެހެންމެ، ގާސިމް މަރާލުމަށް ބޭނުން ކުރި، ވަޅި ހޯދާފައިވަނީ، ހުޅުމާލޭގައި ހިންގާ ކެފޭއަކުން ކަމަށް ވާތީ، އެ ކެފޭގައި މަސައްކަތް ކުރާ، އިންޑިޔާ މީހަކާއި، ބަންގުލަދޭޝް މީހެއްގެ ނަންވެސް މިއަދުގެ އަޑުއެހުމުގައި ދަޢުލަތުން ވަނީ ހުށަހަޅާފައެވެ.
މި ހެކިތަކާއި ގުޅިގެން، މައްސަލަ ބައްލަވާ ޤާޟީ އިސްމާޢިލް ރަޝީދު ވިދާޅުވީ، ގާސިމް މަރާލި ކަމަށް އަދުހަމް އިޢުތިރާފު ވެފައިވާތީ، މި ހެކި ތަކަކީ ކޮންމެހެން ބޭނުން ހެކިތަކެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ދަޢުލަތުން އެދޭނަމަ، މި ހެކިތަކާއި ގުޅިގެން އަދުހަމް ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް އޮތްތޯ ސާފުކުރެވިދާނެ ކަމަށެވެ.
"އިއްޒަތްތެރި ޤާޟީ. ދަޢުލަތުގެ ހެކި ތަކާއި ގުޅިގެން އަޅުގަނޑު ބުނަން ބޭނުންވާ އެއްވެސް ވާހަކައެއް ނެތް. އެ ހެކިތަކަކީވެސް ރަނގަޅު ހެކިތަކެއް ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ." ހެކިތަކާއި ގުޅިގެންވެސް އަދުހަމު ބުނީ މިހާވަރަށެވެ.
ގާސިމް މަރާލި ކަމަށް އަދުހަމް ވެފައިވާ އިޢުތިރާފާއި، ދަޢުލަތުން ހުށަހަޅާފައިވާ ހެކިތަކާއި ގުޅިގެން ބުނާނެ އިތުރު ވާހަކައެއް ނެތުމުން، ދެން މި މައްސަލައިގައި އޮންނާނީ އަވަސް ނިޔާގެ އަޑުއެހުމެއް ކަމަށް ޤާޟީ ވަނީ ވިދާޅުވެފައެވެ. އެގޮތުން، އަވަސް ނިޔާގެ އަޑުއެހުން މި މަހުގެ 18 ވަނަ ދުވަހުގެ 11:30 އަށް ތާވަލްކޮށްފައިވާއިރު، ދެން އޭގެ ފަހުން އޮންނާނީ، ގާސިމްގެ ވާރިޘުންގެ ހެކިބަސް ނެގުން ކަމަށް ޤާޟީ ވިދާޅުވިއެވެ. އަދި އޭގެ ފަހުން، އަދަބާއި ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ބޭއްވުމަށްފަހު، މައްސަލައިގެ ހުކުމް ކުރުން އޮންނާނެ ކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.
ގާސިމްއަކީ އދ. މާމިގިއްޔަށް ނިސްބަތްވާ މީހެކެެވެ. ގާސިމް ނިޔާވިއިރު އަނބިމީހާ އާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ