ރައީސް ޔާމީން މާލެ ގެނައީ އެމްއެމްޕީއާރްސީ މައްސަލާގައި ބަޔާން ނަގަން: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މާލެ ގެނެސްފައިވަނީ އެމްއެމްޕީއާރްސީ މައްސަލަ އާ ގުޅިގެން ބަޔާން ނަގަން ކަން ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ދަ ޕްރެސް" އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހްމަދު ނަސީމް ވިދާޅުވީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށާއި މާލެ ގެނެސްފައިވަނީ ފުލުހުންގެ ބޭނުމަކަށް ކަމަށެވެ.
ރައީސް ޔާމީން ވަނީ މިމަހު 14 ވަނަ ދުވަހު ވެސް މާލެ ގެނެސްފައެވެ. އެދުވަހު ރައިސް ޔާމީން މާލެ ގެނެސްފައިވަނީ ވެކްސިން ޖައްސަވަންށެވެ. ނަމަވެސް މާލެ ގެނައުމުން ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވެމުން ވަނީ އަނބުރާ މާފުށި ޖަހަށް ގެންގޮސްފައެވެ.
އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވަނީ ރައީސް ޔާމީން ވެކްސިން ޖައްސަވަން ދެކޮޅު ހައްދަވާފައި ވާ ކަމަށް ބުނެ ދެކެވެމުން ދާ ވާހަކަތައް ދޮގުކޮށްފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ.
އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ