ވެކްސިން ޓޫރިޒަމް ޕްރޮގްރާމު ތިންވަނަ ކުއާޓަރުގައި

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖެ އައިސް ވެކްސިން ޖެހުމުގެ ފުރުސަތު ލިބޭ ޕްރޮގްރާމު މި އަހަރުގެ ތިންވަނަ ކުއާޓަރު ހިސާބުގައި ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. ސީއެންއެންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމްް އިއްޔެ ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އެންމެ ލަސްވެގެން މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި-ސެމްޕްޓެމްބަރު) ހިސާބުގައި އެ ޕްރޮގްރާމު ފެށޭތޯ ކަމަށެވެ. ޓޫރިޒަމް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގެ ތެރެއިން "ތްރީ ވީ" ސްޓްރެޓަޖީގެ ދަށުން "ވިޒިޓް، ވެކްސިނޭޓް އެންޑް ވެކޭޝަން" އާ އެކު ފަތުރުވެރިންނަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ރާއްޖެއިން ވެކްސިން ޖެހޭނެ އިންތިޒާމުވެސް ހަމަޖެހޭނެ އެވެ. ރާއްޖޭގެ ވެކްސިން ޓޫރިޒަމް ޕްރޮގްރާމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު މިނިސްޓަރު ވިދާޅުވީ ޓޫރިސްޓުންނަށް ވެކްސިން ދޭނީ ވިޔަފާރިއަކަށްވުރެ ބޮޑަށް "ޓޯކެން އޮފް އެޕްރެސިއޭޝަން" އެއްގެ ގޮތުގައި ކަމަށާއި އެ ޕްރޮގްރާމު ބޮޑަށް ހާއްސަކުރާނީވެސް ކޮވިޑުގެ ސަބަބުން މިދިޔަ އަހަރު ދަތުރު ނުކުރެވި ތިބި އުމުރުން ދުވަސްވީ، ވަޒީފާ އިން ރިޓަޔާ ވެގެން ތިބޭ ޕެންޝަނަޔާސް އަށް ކަމަށެވެ. ރާއްޖެ ރިޕީޓުކޮށް ފަތުރުވެރިންގެ ތެރޭގައި ވަޒީފާ އިން ރިޓަޔާވެގެން ތިބޭ ޕެންޝަނަޔާސް ގިނަ އަދަދަކަށް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފްރަންޓްލައިން މަސައްކަތްތެރިންގެ 90 ޕަސެންޓަށް މިހާރު ވަނީ ކޮވިޑު ވެކްސިން ދީފައެވެ. މީގެ ކުރިން މިނިސްޓަރު ވިދާލުވީ ވެކްސިން ޓޫރިޒަމް ޕްރޮގްރާމު ފަށާނީ ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ އުމުރުގެ އެންމެންނަށް ވެންސިން ދިނުމަށް ފަހު ކަމަށެވެ. އެޗްޕީއޭގެ ގައިޑްލައިންތައް ބުނާގޮތުން މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރެއިން ވެކްސިންގެ ދެވަނަ ޑޯޒް ހަމަވެފައިވާ މީހުން ރާއްޖެ އަންނަ އިރު، ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުމެއް ނުވާނެއެވެ. އެނޫން މީހުން 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ހުށަހަޅަން ޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިމަހުގެ 21ގެ ނިޔަލަށް 365,324 ފަތުރުވެރިން ވަނީ މި އަހަރު ރާއްޖެ އައިސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ