ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ޓީވީ ސްޓޭޝަނެއް ހިފައިފި

ކިޔެވް (އެޕްރީލް 28): ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުން އެގައުމުގެ އިރުމަތީ ރަށެއްކަމަށްވާ ދޮނެތްސިކް ގައިވާ ސަރުކާރުގެ ޓީވީ ސްޓޭޝަނާއި އެސްޓޭޝަނާ ގުޅިފައިވާ އޮފީސްތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފި އެވެ.
ޔުކްރޭންގެ ސަރުކާރުން ބުނީ ދޮނެތްސިކްގެ ޓީވީ ސްޓޭޝަން އަތްދަށުލާފައި ވަނީ ވަކުވެގަތުމަށް މަސައްކަތްކުރާ 300 އެއްހާ މީހުން ގުޅިގެން ކަމަށާ އޭގެތެރެ އިން ބައެއް މީހުން ތިބީ ހަތިޔާރު ހިފައިގެން މޫނު ވެސް ނިވައިކޮށްގެން ކަމުގަ އެވެ. ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން އެމީހުންގެ ބާރުގެ ދަށަށް ދޮނެތްސިކްގެ ޓީވީ ސްޓޭޝަން ގެނަސްފައިވާ އިރު އެމީހުން ރަހީނުކޮށްގެންއުޅޭ ޔޫރަޕްގެ 10 އޮބްޒާވަރުންގެ ތެރެއިން އެކަކު އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ. ޔޫރަޕްގެ ސަލާމަތާއި އެއްބާރުލުމާ ބެހޭ ޖަމްއިއްޔާ އަށް ނިސްބަތްވާ 10 އޮބްޒާވަރުންގެ ތެރެއިން އިއްޔެ މިނިވަންކޮށްފައި ވަނީ ސްވިޑްންގެ ރައްޔިތެކެވެ. އޭނާ މިނިވަންކުރީ ސިއްޙީ ސަބަބުތަކަށް ޓަކައި ކަމަށް ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ހާމަކޮށްފަ އެވެ. ޔުކްރޭނާއި ހުޅަނގުން ތުހުމަތުކުރާ ގޮތުގައި ޔުކްރޭންގައި ހަރަކާތްތެރިވަމުންދާ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ އެވެ. ނަމަވެސް ރަޝިޔާ އިން މިތުހުމަތުތަކަށް އިންކާރުކުރެ އެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިއްޔެ މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ޔުކްރޭނުގެ އިރުމަތީ ސަރަހައްދުތަކުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކަކީ ރަޝިޔާ ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށާ އެކަމަށް ރައްދުދިނުމުގެ ގޮތުން ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިއުލާންކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިއަދުންފެށިގެން ތަންފީޒުކުރަމުން ގެންދާނެ ކަމުގަ އެވެ. ޔުކްރޭންގެ މައްސަލާގައި މުޅިދުނިޔެ ވަނީ ރަޝިޔާއާ އިދިކޮޅަށް ކަމަށާ ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާއާއި ވިލާތުގެ ގައުމުތައް ވެސް ވަނީ ގުޅި އެކަތިގަނޑަކަށް ވެފައިކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދެއްކެވި އެވެ.
ރަޝިޔާ އިން ޔުކްރޭންގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުތައް އެމެރިކާ ދެމުންގެންދާތާ ތިން ހަފްތާ ވެފައިވީ ނަމަވެސް ރަޝިޔާއާ ދެކޮޅަށް އޮއްޓަރު ހުރި އެއްވެސް ފިޔަވަޅެއް އަޅަން މިހާތަނަށް އެމެރިކާއަށް ކެރިފައެއް ނުވެ އެވެ. އަދި ރަޝިޔާއާ ދެކޮޅަށް މިއަދު ތަންފީޒުކުރަން ފަށާނެ ކަމަށް އޮބާމާ ވިދާޅުވި ފިޔަވަޅުތަކުގެ ތެރޭގައި ވެސް ހިމެނެނީ ރަޝިޔާގެ ދެވަނަ ދަރަޖައިގެ ބައެއް މަސްއޫލުވެރިންނަށް އެމެރިކާ އަށް ދަތުރުކުރުމުގެ ވިސާ ނުދިނުމާއި އެމެރިކާގައިވާ ރަޝިޔާގެ ބައެއް މަސްއޫލުވެރިންގެ އެކައުންޓްތަކާއި ފައިސާ ގަނޑު ކުރުން ފަދަ އާދައިގެ ފިޔަވަޅުތަކެއް ކަމަށް ރިޕޯޓްތައްބުނެ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ