ގައުމުތައް ބޭނުންވާ ގޮތަށް ރާއްޖެ ދީލައިލާކަށް ނުޖެހޭ: މައުމޫން

އިގްތިސާދީ ގޮތުންނާއި ފިކުރީ ގޮތުން ވެސް، އެއްވެސް ބޭރު ގައުމެއްގެ ދަށުވެގެން ރާއްޖެ އޮންނަން ނުޖެހޭ ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭގެ ރިސާޗް ޕޭޕަރުތައް ނެރެދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް މައުމޫން އިއްޔެ ވިދާޅުވީ އެހެން ގައުމުތައް ބޭނުންވާ ގޮތަށް ދިވެހިންގެ މިނިވަންކަމާއި ސިޔާދަތާއި ސަގާފަތް ދޫކޮށްލުމަށްފަހު އެ ގައުމުތައް ބޭނުންވާ ގޮތަށް ދީލާލައިގެން ރާއްޖެ އޮންނަން ނުޖެހޭނެ ކަމަށެވެ. އަދި "ބޭރުގެ ބައެއްގެ ދަށުވާން" ރާއްޖެއިން ނުޖެހޭނެ ކަމަށެވެ.
މައުމޫން ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ، ކުދި ގައުމުތައް ކުރިއަރާފައިވަނީ ބޭރު ގައުމުތަކުގެ އެހީގައި ކަމަށާއި އެހެން އޮތް ނަމަވެސް އިނގިރެސީންގެ ހިމާޔަތުގައި ޒަމާންތަކެއްވީ އިރުވެސް "އިނގިރޭސީން ރާއްޖެއަށް ކޮށްދިން ކަމެއް ނެތް" ކަމަށެވެ.
"ރާއްޖެ ކުރިއަރައިގެން ގޮސްފައިވަނީ ދިވެހިންގެ މަސައްކަތުން. އެހެން ކަމުން ރާއްޖޭގައި އެބާރު އެބަހުރި ކަމަށާއި، މިނިވަންކަމައި ސިޔާދަތު ނަގާލާ ބޭރު ބަޔަކު ބުނާ ގޮތް އަޅުގަނޑުމެން ހަދާކަށް ނުޖެހޭނެ،" ރައީސް މައުމޫން ވިދާޅުވިއެވެ. "އިގްތިސާދީ ގޮތުން ވެސް ނުވަތަ ފިކުރީ ގޮތުން ވެސް، އެހެން ބަޔަކު ބުނާ ގޮތަށް އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި އަޅުގަނޑުމެންގެ ސަގާފަތް ދޫކޮށްލާފަ ބޭރު ބަޔަކަށް ދީލާލައިގެން އުޅޭކަށް އަޅުގަނޑުމެން ނުޖެހޭ،"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ