ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ނަސްލުހޭދު ކުރުމާ މެދު އިންތިހާއަށް ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށާއި އިޒްރޭލުގެ އެ އަމަލު ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުއްالله ގޮވައިލައްވައިފި އެވެ.
އުޒްބެކިސްތާނުގައި މިހާރު ކުރިއަށްދާ އިންޓާ ޕާލިމެންޓަރީ ޔޫނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގާޒާގައި ހިންގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން އެ ތަނުގެ އާންމު ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
"ގާޒާގައި ހިނގަމުންދާ ހަމަނުޖެހުމާއި އެ ތަނުގެ ރައްޔިތުން އުފުލަމުންދާ ކެކުޅުންތަކާމެދު ދިވެހިރާއްޖެއިން އިންތިހާއަށް ކަންބޮޑުވޭ، ގާޒާގައި ހިންގަމުންދާ އަނިޔާވެެރިކަން ހުއްޓުވައި އިންސާފު ގާއިމު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ކުރުމަށް އަޅުގަނޑުމެން ގޮވައިލަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަޖިލިސް މެންބަރުންގެ ހައިސިއްޔަތުން ގާޒާގައި ހިންގާ ނަސްލުހޭދު ކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށާއި ސިޔާސީ ނިޔަތް އިސްކުރަންޖެހޭ ކަމަށެވެ.
"ސިޔާސީ ނިޔަތް ހާމަކޮށް އަހަރުމެން ބަރުލަމާނުން މިކަމުގައި ނަމޫނާ ދައްކަންޖެހޭ، ހަމައެކަނި އަނގައިން ބަސްތަކެއް ބޭރު ކުރުމުގެ ބަދަލުގައި އިންސާފާއި ހަމަހަމަކަމާއި ދެމެހެއްޓެނެވި ސިޔާސަތަށް މަގު ކޮށާން އަމަލީ މަސައްކަތް ކުރާން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މި މޭރުމުން އަބްދުއްރަހީމް އެ އެސެމްބްލީގައި ވާހަކަ ދެއްކެވިއިރު، އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް މީހުންނަށް އެތެރެ ނުވެވޭ ގޮތަށް، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮންނަތާ އަހަރެެއް ވާން ވަނީ ގާތްވެފަ އެވެ.
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ދިވެހި ސަރުކާރުން ވެސް މިދިޔަ އަހަރުގެ ޖޫން 2، ގައި ނިންމި އެވެ. ނަމަވެސް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް އޮތީ ކޮމިޓީގައި މަޑުޖައްސައިފަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ލަސްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ބޭރުކޮށްލައިފަ އެެވެ. ޕީއެންސީގެ މަޖިލިސް މެންބަރުން ސިފަ ކުރެއްވީ އެ ކުއްލި މައްސަލައަކީ ބޭކާރު މައްސަލައެއްގެ ގޮތުގަ އެވެ.
ގާޒާ ރައްޔިތުންގެ ކެކުޅުންތަކާމެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވޭ: އަބްދުއްރަހީމް ގާޒާ ރައްޔިތުންގެ ކެކުޅުންތަކާމެދު ރާއްޖެއިން އިންތިހާއަށް ކަންބޮޑުވޭ: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ