ދަރިވަރުން ހޯދާ ނަތީޖާ އިން ސަރުކާރުގެ މަސައްކަތަށް ހިތްވަރު ލިބޭ: ރައީސް

ތައުލީމީ ރޮނގުން ކުދިން ހޯދަމުން އަންނަ ނަތީޖާ އިން ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ.
ތައުލީމީ ގޮތުން ކިތަންމެ މައްޗަކަށް ދާން ބޭނުންވާ ކުއްޖަކަށް ވެސް އެ ފުރުސަތު ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހުޅުވާލާފައި ވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތައުލީމީ ރޮނގުން ތިޔަ ދަރިވަރުން ތިޔަ ހޯދި ފުރިހަމަ ނަތީޖާއިން، އަޅުގަނޑުމެން މި ކުރާ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ރާއްޖޭގެ ކޮންމެ ދަރިއަކަށް، ރަނގަޅު ތައުލީމު ދީ ރިވެތި އަހުލާގެ މަތީގައި ތަރުބިއްޔަތުކުރަން. އެކަން ހާސިލްކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ ގޮތް ހަދައިދޭން،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މަތީ އަރުތަވެރިންގެ އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވިގޮތުގައި، ރަނގަޅު ނަތީޖާ ނެރެދިނުމަށް ބޭނުންވާ ސްކޫލުތައް މިހާރު ފާހަގަކޮށް، އެ ސްކޫލުތަކުގެ މުވައްޒަފުންނަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރު މީހުންގެ އެހީގައި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް މިހާރު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ރައީސް ވަނީ ތައުލީމީ ރޮނގުން ކުރިއަށް ދިއުމަށް ފަހިވެފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސްކޫލްތަކުގެ ކިޔެވުން ހަރުދަނާ ކުރުމަށް ރިވިއު އެނަލިސިސްއެއް ހަދާފައިވާ ކަމަށާއި އޭގެ ނަތީޖާއަކީ އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާ ސްކޫލްތައް ފާހަގަވުން ކަމަށެވެ.
"އެ ސްކޫލްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިހާރު އަންނަނީ އެކި ޕްރޮގްރާމްތައް ހިންގަމުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ވެރިކަމަށް އައި އިރު އާބާދީ ކުޑަ ރަށްރަށުގެ ތައުލީމީ ހާލަތަށް އެޅިފައި ހުރަސްތައް ފާހަގަކުރައްވައިފަ އެވެ. ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން މި ސަރުކާރު ވެރިކަމަށް އައި އިރު، ބައެއް ރަށްރަށުގެ އާބާދީ ކުޑަވުމުން ސްކޫލްތަކުގެ ކިޔެވުން ހުރީ މެދުކަނޑާލާފައި ކަމަށެވެ. އެ ރަށްރަށުގެ ކުދިން ކިޔަވަން ދާން ޖެހުނީ ކަނޑު ދަތުރުކޮށްފައި އެހެން ރަށަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ، ރަށުގެ އާބާދީ ކުޑަވުމަކީ އެ ރަށެއްގެ ރައްޔިތުން އަދި ހާއްސަކޮށް ދަރިވަރުން، އެފަދަ ނުރައްކާތެރި ތަކުލީފުތަކެއް އުފުލަން ޖެހޭނެ ސަބަބެއް ނޫން ކަމަށް. އެހެންކަމުން އެފަދަ ރަށްރަށުގެ ސްކޫލްތަކުގައި، ސެޓެލައިޓް ސްކޫލްތައް ގާއިމުކޮށް، އެކަން މިހާރު ވަނީ ހައްލު ކުރެވިފައި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ސާނަވީ އިމްތިހާން ނިންމި 6،360 ކުދިންގެ ތެރެއިން އެންމެ ގަދަ 10 ގައި 844 ކުއްޖަކު ހިމެނުނެވެ.
ކެމްބްރިޖް އިމްތިހާނުން މުޅި ދުނިޔޭގެ އެންމެ ގަދަ 10 ވަނައިގައި 11 ކުއްޖަކު ހިމެނުނުއިރު ކެމްބްރިޖްގެ ހައި އެޗީވްމެންޓް ވަނީ ހަ ކުއްޖަކު ހާސިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ