ފޯޅަވަހި ސިޓީ ފޮނުވީ 500 މިލިއަން ޑޮލަރު ނަގައި ކައިގެން: ބޮންޑެ

ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއަކީ 500 މިލިއަން އެމެރިކާ ޑޮލަރުގެ ޑީލެއްގެ ދަށުން ފޮނުއްވި ސިޓީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ތުހުމަތުކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމާއެކު، އެ ސިޓީއާ ގުޅިފައިވާކަމަށް ތުހުމަތުވާ 500 މިލިއަން ޑޮލަރުގެ ޑީލުގެ މައްސަލަ ބެލުމަށް ގޮވައިލާ އިދިކޮޅު ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ބޮންޑެ ވިދާޅުވީ މި ޑީލަކީ މޮރިޝަސްގެ މަސް ކުންފުނިތަކާއެކު ހެދި ޑީލެއް ކަމަށެވެ.
"ސިއްރު ސިޓީއެއް، 500 މިލިއަން ޑޮލަރުގެ ޑީލެއް ހަދައިގެން މޮރިޝަސްގެ މަސް ފެކްޓަރީތަކާއެކު، މި މޮނޮޕޮލީކުރަނީ އިންޑިއާ ކަނޑުގެ މަސް.،" ބޮންޑެ ވިދާޅުވިއެވެ. މޮރިޝަސްއަކީ އެ ޤައުމުގެ ކަނޑުގެ ބައިތައް ބޭރުގެ މަސް ކުންފުނިތަކަށް ކުއްޔަށް ދޫކޮށްގެން ފައިސާ ހޯދާ ޤައުމެއްކަން ފާހަގަކުރައްވައި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑު ގެއްލުމެއްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ބޮންޑެ ވިދާޅުވީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު އިސްކޮށް ހުންނަވައިގެން 500 މިލިއަން ޑޮލަރު މޮރިޝަސްގެ މަސް ކުންފުނިތަކުން ނަންގަވައި އެ ފައިސާ ބޭނުންކުރައްވާފައިވާ ކަމަށާއި، މިކަމުގައި ރައްޔިތުން ފާޑުކިޔުން އަމާޒުކުރަން ފެށުމުން ކުރައްވަންވީ ކަމަކީ އެ ފައިސާ އަނބުރާ ދިނުމަށްފަހު، ރާއްޖެެއަށް މޮރިޝަސްގެ މައްޗަށް ސިޔާދަތީ ހައްގު އޮންނާނެކަމުގެ ދައުވާނުކުރެވޭ ވޮތަށް ރައީސް އިބްރާހީމު ދެއްވި ސިޓީ އަނބުރާ ގެންނެވުންކަމަށެވެ.
އިތުރަށް ބޮންޑެ ވިދާޅުވީ ފޯޅަވައްސާއި މޮރިޝަސްގެ ތާރީޚު އެނގެންޖެހޭނެ ކަމަށެވެ. އެގޮތުން މޮރިޝަސްއަކީ ބޮޑުތަކުރުފާނުގެ ޒަމާނުގައި އަދި ކަލާފާނު ރަސްގެފާނުގައިވެސް ދިރިއުޅުނު ތަނެއް ނޫންކަމަށެވެ. ޒަންޒަބީރަށް ދިވެހިން ކުރާ ދަތުރުތަކުގައި އެއިރު މޮރިޝަސްގައި މަޑުކުރާކަމަށާއި، އެތަނަށް ދިވެހިން އެވޭލާ ޒަމާނުގައި ކިޔައިއުޅުނީ ދިނާރުބޯ ކަމަށެވެ.
އެހެންކަމުން ދިވެހިންގެ ބިމެއް މި ވެރިކަމުން ދޫކޮށްލަނީ ފަޅުތަނަކަށް ކަމުގައިވެސް ބޮންޑެ ވިދާޅުވިއެވެ. "ފަޅުރަށެއްގައި އާބާދުކުރި ބަޔަކަށް މިރާއްޖޭގެ ބައެއް މި ދޫކޮށްލަނީ،" ބޮންޑެ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ބަތަލުންކަމަށްވާ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި ކަލާފާނު ރަސްގެފާނާއި އިސްކަންދަރު ރަސްގެފާނު ތިއްބެވިނަމަ މިފަދައިން ރާއްޖޭގެ ބައެއް ދޫކޮށްލި ފަރާތްތަކުގެ ބޯ ކަނޑައިލީސްކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ ބޮޑުތަކުރުފާނު ދުނިޔޭގައި ހުންނެވިނަމަ، ކަލާފާނު ހުންނެވިނަމަ ބޮޑުރަސްގެފާނު ހުންނެވިނަމަ އިސްކަންދަރު ރަސްގެފާނު ހުންނެވިނަމަ ކިހިނެއްބާއޭ މިމީހުންނަށް ހައްދަވާނީ. ބޯ ކަނޑައިލީސް މިމީހުންގެ. އެވަރު ކަމެއް މިކުރަނީ،" ބޮންޑެ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ