އެމްޑީޕީއިން ޑިއާއާއި ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމަށް އެމެރިކާގެ ނޫސް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން ކުރި ތަޙުޤީޤީ ރިޕޯޓެއްގައި ބުނެފައިވެއެވެ. މިކަމަށް 6 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކުރި ކަމަށް ބުނެފައިވެއެވެ.
ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓުގައި ބުނެފައި ވަނީ އެމްޑީޕީގެ ބަޔަކާ އެކުގައި ވެރިކަން ބަދަލު ކުރުމުގެ ވާހަކަތައް ދެކެވެން ފެށީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އިންޑިއާގެ ފޮރިން އިންޓެލިޖެންސް އެޖެންސީ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) ގެ އޭޖެންޓަކު، އެމްޑީޕީގެ އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރަމުން ދިޔަ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރުކުރި ކަރުދާހެއްގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރޭވިއެވެ. މީގެ އިތުރުން، ސިފައިންނާއި ފުލުހުންގެ 10 އިސް އޮފިސަރަކަށާއި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް ރޭވިއެވެ.
މި މަސައްކަތުގައި އޭރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ބައިވެރިވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތްކުރީ ރޯގެ އޭޖެންޓެއް ކަމަށްވާ ޝިރިޝް ތޮރާޓް އަދި ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް ކަމަށް ބުނެފައިވެއެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، ރައީސް ޑރ. މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާކޮށްފައެވެ. އެކަމަކު އެ މުއާމަލާތްތައް ހޯދި ގޮތެއް އަދި އެކަމުގައި އިންޑިއާގެ ބައިވެރިވުމެއް އޮތް ކަމެއް އެމީހާ ހާމަކޮށްފައެއް ނުވެއެވެ.
ވޮޝިންޓަން ޕޯސްޓުން ބުނީ އިންޑިއާ އިން ފައިސާ ހޯދުމުގެ މަޝްވަރާތައް ކުރީ އޭރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އޭރު ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ އިސްވެ ތިއްބަވައިގެން ކަމަށެވެ.
ލީޑަޝިޕަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވެރިކަން ވައްޓާލަން ހޭދަކުރާނެ ފައިސާޢެއް ނެތުމެވެ. މަޖިލީހުގެ ގިނަ އެމްޑީޕީ މެންބަރުން ރައީސް ޑރ. މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތާއީދު ކުރި ނަމަވެސް، އެމީހުންވެސް ފައިސާއަށް ޑިމާންޑް ކުރި ކަމަށްވެއެވެ. ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އެމްޑީޕީގެ ލީޑަޝިޕަށް ގަބޫލު ކުރެވުނީ މިކަން ކުރަން އެންމެ ފަސޭހަ މަގަކީ އިންޑިއާ މެދުވެރިކޮށް ކަމެވެ.
ނަމަވެސް، މި ރޭވުން ނާކާމިޔާބުވީ ރައީސް މުއިއްޒަށް މި މަޢުލޫމާތު ލިބިވަޑައިގަތުމުން، އަވަހަށް ފިޔަވަޅު އަޅުއްވައި، 11 އެމްޑީޕީ މެންބަރުން ޕީއެންސީއަށް ގެންނެވުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ސައްޙަ މަޢުލޫމާތެއް ނޫން ކަމަށާއި، މިއީ އެމްޑީޕީއަށް އަމާޒުކޮށްގެން ކުރާ ސިޔާސީ ބަދުނާމުކުރުމުގެ މަސައްކަތެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމަށް އެއްބާރުލުން ދޭނެ ގައުމެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަޙު އިތުރަށް ހޫނުވެ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުންދާ ކަމަށް ވެސް ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގެ ޙަޤީޤަތް ހާމަކުރުމަށް މުސްތަޤިއްލު ތަޙުޤީޤެއް ކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ މައްސަލަ ބަލައި ތަޙުޤީޤުކުރުމަށް ގޮވާލާފައެވެ. އަދި މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރުކުރުވުމަށް ވެސް އެ މެންބަރުން ގޮވާލާފައިވެއެވެ. މި މައްސަލައަކީ ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލައެއް ކަމަށް ބުނެ، ޤައުމީ ސަލާމަތާބެހޭ ކޮމިޓީން މި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ކުރީ ކޮޅު ގުޅުން ގޯސް ވިޔަސް ރާއްޖެ-އިންޑިއާގެ ގުޅުން ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައި ފަހުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ.
މި މައްސަލައިގައި ހިމެނޭ އެކި ފަރާތްތަކުން ތަފާތު ބަޔާންތައް ނެރެ، އެކި ގޮތްގޮތަށް މި މައްސަލައަށް ރައްދުދީފައިވާއިރު، މި މައްސަލައިގެ ފުރިހަމަ ޙަޤީޤަތް ހާމަކުރުމަށް އިތުރު ތަޙުޤީޤުތަކެއް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. މި މައްސަލައަކީ ރާއްޖޭގެ ސިޔާސީ މުސްތަޤުބަލަށާއި ޚާރިޖީ ގުޅުންތަކަށް ބޮޑު އަސަރެއް ކޮށްފާނެ މައްސަލައެއް ކަމަށްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭ އިތުރު ތަފްސީލުތައް ހާމަވެގެންދާނެ ކަމެކެވެ.
ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން އެމްޑީޕީން ރޭވި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ