ވީއައިއޭ ޓާމިނަލް މަސައްކަަތް އަވަސްކުރަން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް

އައު ލޯނުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް މަގުފަހިވާނެ މަޝްރޫއެއް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތް ނިންމުން އަވަސްކުރުމަށް އަަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓު (އޭޑީއެފްޑީ)އިން އިތުރު 40 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް އެއްބަސްވެއްޖެ އެވެ. 
އަންނަ އަހަރު ތެރޭގައި އައު ޓާމިނަލުގެ މަސައްކަތް ނިންމައި ހުޅުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އެ ޓާމިނަލުގެ މަސައްކަތް އަވަސްކުރުމަށް މީގެ ކުރިންވެސް އިތުރު ދެ ލޯނެއް ސަރުކާރުން ނެގި އެވެ. އެގޮތުން އަބޫދާބީ ފަންޑުން 50 މިލިއަން ޑޮލަރު އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެ އެވެ. 
އައު ލޯނުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް މަގުފަހިވާނެ އަދި ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީ އިތުރުވާނެ މަޝްރޫއެއް ކަމަށެވެ. 
އަދި ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އެކުވެރި އަރަބި އިމާރާތުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވަައި ޒަމީރުވަނީ އެ ގައުމަށް އަދި ހާއްސަކޮށް އަބޫދާބީ ފަންޑަށް ޝުކުރު އަދާކުރައްވާފަ އެވެ. 
އޭޑީއެފްޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ފަންޑުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އައްސުވައިދީވަނީ މި އެއްބަސްވުމަކީ އެކުވެރި ގައުމުތަކުގެ އުމްރާނީ ތަރައްގީގައި އަބޫދާބީ ފަންޑުން އަދާކުރާ ދައުރު އިތުރަށް ހާމަވާކަމެއްކަން ފާހަގަކުރައްވާފަ އެވެ. 
އަދި އެއާޕޯޓުގެ ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކުރެވުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޑިމާންޑަށް ކޭޓާކުރުމުގެ ގާބިލުކަން އިތުރުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެށި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ ބައެއްގެ ގޮތުގައި އެއިރު ފެށި އައު ޓާމިނަލުގެ މަސައްކަތް ނިމުމުން އަހަރަކު 7.5 މިލިއަން ފަސިންނަޖަރުންނަށް އެއާޕޯޓުން ހިދުމަތް ދެވޭނެކަމަށް ސަރުކާރުން ބުނެ އެވެ. 
މިޓާމިނަލާއެކު ވީއައިއޭއަށް މިހާރު ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުވެ، ދުނިޔޭގެ އެކި މަންޒިލުތަކުން ރާއްޖެއަށް ދަތުރުކުރާ ފުލައިޓުތައް އިތުރުވާނެ ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކުރިން ބުނެފައިވެ އެވެ. 
ސަރުކާރުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރުގެ މެދު ތެރޭގައި އައު ޓާމިނަލުގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފެށޭނެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ