ދެވަނަ މެޗުގައި ނޭޕާލުން ރާއްޖެ ކޮޅަށް 5 ލަނޑު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ނޭޕާލް އަތުންވެސް ބަލިވެއްޖެއެވެ. ތައިލެންޑުގެ ނޮންތަބުރީ ސްޓޭޑިއަމްގެ އިންޑޯ ހޯލުގައި ކުޅުނު މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 11-1 ގެ ނަތީޖާއަކުންނެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް މެޗު ފަށައިގެން ދިވެހި ޓީމު ވަނީ ޑިފެންސިވް މޮޅު ކުޅުމެއް ކުޅެފައެވެ. ނަމަވެސް ހަތަރުވަނަ މިނެޓުގެ ތެރޭގައި ނޭޕާލުން ލީޑު ނެގިއެވެ. ޕެނަލްޓީން ކާމިޔާބުކުރި ލަނޑަކާއެކު ފުރަތަމަ ހާފުގައި ނޭޕާލުން ހަތަރު ލަނޑު ޖެހިއެވެ. ރާއްޖޭގެ ކީޕަރު ފާތިމަތު ސައުޝަން ވަނީ މި މެޗުގައި ނޭޕާލުގެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. ނޭޕާލުން މި މެޗުގައި ޖެހި ފަސްވަނަ ލަނޑު ފެނުނީ މެޗުގެ ފަހުކޮޅުގައެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ގައުމީ އަންހެން ފުޓްސަލް ޓީމުން ކުޅޭ ތިން ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާޏީ ޕާކިސްތާނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ